ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 22:57
އަހްލީ ހޮސްޕިޓަލް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް
އަހްލީ ހޮސްޕިޓަލް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
"އަހްލީ އަކީ މިހާރު ޣައްޒާ ސިޓީގައި ހުރި ހަމަ އެކަނި ހޮސްޕިޓަލް"
އަހްލީ ހޮސްޕިޓަލްގެ ގޯތިތެރެ މިހާރު ވަނީ ފީލްޑް ހޮސްޕިޓަލަކަށް ހަދައިފަ
އަހްލީ ހޮސްޕިޓަލްގައި މަސައްކަތްކުރަން ތިބީ އެންމެ ތިން އޮޕަރޭޝަން ޑޮކްޓަރުން
މިވަގުތު އެހޮސްޕިޓަލްގައި ހުރީ އެންމެ ދެ އޮޕަރޭޓިން ރޫމް

ޣައްޒާގައި ހުންނަ ޝިފާ އާއި ޤުދްސް ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރުވުމާއެކު މިހާރު ޣައްޒާގައި ހުރި ހަމަ އެކަނި ހޮސްޕިޓަލަކީ އަހްލީ ހޮސްޕިޓަލް ކަމަށް، ޣައްޒާގެ ޑޮކްޓަރެއް ކަމަށްވާ ގައްސާން އަބޫ ސިއްޓާ ބުނެފިއެވެ.

ޑޮކްޓަރ ގައްސާންއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން މިވަގުތު ޣައްޒާގައި ބޭނުން ކުރެވެން ހުރި ހަމަ އެކަނި ހޮސްޕިޓަލަކީ އަހްލީ ހޮސްޕިޓަލެވެ. ގައްސާން ވަނީ އަހްލީ ހޮސްޕިޓަލަކީ އޮކްޓޫބަރު މަހު އިސްރާއިލުން ހަނގުރާމަ އިއުލާނުކޮށް، އެމަހުގެ 17 ވަނަ ދުވަހު، އިިސްރާއިލްގެ ހަމަލާތައް އަމާޒުވެފައިވާ ހޮސްޕިޓަލެއްކަން ފާހަގަކޮށްފައެވެ. އެހަމަލާއަށް އިސްރާއިލުން އިންކާރުކުރިނަމަވެސް އެހަމަލާގައި 470ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޫބަރު 17 ވަނަ ދުވަހުގެ ހަމަލާގައި އަހްލީ ހޮސްޕިޓަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައެވެ.

ޝިފާ ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރުވުމާއެކު އަހްލީ ހޮސްޕިޓަލްގެ ގޯތިތެރެ މިހާރު ވަނީ ފީލްޑް ހޮސްޕިޓަލަކަށް ހަދައިފައެވެ. އެހޮސްޕިޓަލްގައި އެކިވަރުގެ އަނިޔާތައް ލިބިފައިވާ 500ށް ވުރެ ގިނަ މީހުން މިހާރުވެސް އެބަ ތިބި ކަމަށާއި، އެހެން ނަމަވެސް، ހޮސްޕިޓަލްގައި މަސައްކަތްކުރަން ތިބީ އެންމެ ތިން އޮޕަރޭޝަން ޑޮކްޓަރުންކަމަށް ގައްސާން ވަނީ މައުލޫމާތު ދީފައެވެ.

މިވަގުތު އެހޮސްޕިޓަލްގައި ހުރީ އެންމެ ދެ އޮޕަރޭޓިން ރޫމް ކަމަށްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

އަނިޔާވެފައިވާ މީހުންގެ ޒަހަމްތައް އިންފެކްޓްވިޔަ ނުދިނުމަށް، އެމީހުންގެ ޒަޚަމްތަކުގައި ތަދުކެނޑޭ ބޭހެއް ނުވަތަ ހޭނައްތާ ބޭހެއް ނެތި އުނދަގޫ ވޭންދެނިވި ޕްރޮސީޖަރތަކެއް ކުރަން ޑޮކްޓަރުންނަށް މަޖުބޫރުވެފައިވާކަމަށްވެސް ގައްސާނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއިލުން ދަނީ ޣައްޒާގެ ސިއްހީ ފަރުވާދޭ ތަންތަނަށާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އަދި ޣައްޒާއަށް ތެޔޮ އެތެރެކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން، ތެޔޮ ނެތުމުގެ ސަބަބުން، ކަރަންޓުކެނޑި ހޮސްޕިޓަލްތައް ބަންދުކުރަން ދަނީ މަޖުބޫރުކުރުވަމުންނެވެ.

އދ. އާއި ސިއްހީ ޚިދުމަތްދޭ ޖަމާއަތްތަކުންވެސް ވަނީ ޣައްޒާގެ ހޮސްޕިޓަލްތައް އޮތީ އެކީއެކަށް ހުއްޓުމަކަށް އައުމުގެ މަގުމަތީގައި ކަމަށްބުނެ އިންޒާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް