މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ރާއްޖެޓީވީ ބެލުން މަނާކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ސްޓާފް އޭރިއާ ތެރޭގައި ރާއްޖެޓީވީ ބަލަނިކޮށް އެމްޕީއެލްގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމް ރާއްޖެޓީވީ ނުބެލޭނެ ކަމަށް ވިދާޅުވި ކަމެވެ. ރާއްޖެޓީވީއަކީ ފިތުނަ ފަސާދަ އުފައްދާ، ދޮގު މައުލޫމާތު ފަތުރާ ޗެނަލްއެއްކަމަށް އޭނާ ވިދާޅުވިކަމަށް ވެސް ބައެއް މުވައްޒަފުން ބުންޏެވެ. ރާއްޖެޓީވީ ބަލާތީ ރައްޒާގަށް ހަޖަމްކުރަން އުނދަގޫކަމަށާއި ޓީވީއެމް އާއި ޗެނަލް 13 ބެލިޔަސް މައްސަލައެއް ނެތްކަމަށް ވިދާޅުވިކަމަށެވެ.
ރާއްޖެޓީވީ ނުބެލޭނެކަން އެންގުމުން މުވައްޒަފުން ނުރުހުން ފާޅުކުރިކަމަށާއި އެެހެންވެ އެކަން ލިޔުމުން މުވައްޒަފުންނަށް އެނގުމަށް މުވައްޒަފުން އެދެމެވެ.
އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރ މުހައްމަދު އަމީޒް މިކަމާއި ގުޅޭގޮތުން ވިދާޅުވީ އުސޫލެއްގެ ގޮތުން އެތާނގައި ބެލުމަށް ހަމަޖެހިފައި އޮންނަނީ ދަޢުލަތުގެ މީޑިއާއެއް ކަމަށާއި ސަރުކާރުގެ ކުންފުންޏެއްގެ ހައިސިއްޔަތުން ބެލޭނީ ސަރުކާރުގެ ޗެނަލްއެއް އެކަނި ކަމަށެވެ.
ވަކި ޗެނެލްއެއް ބެލުމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުނުވާނެކަމަށް މުހައްމަދު އަމީޒް ފާހަގަކުރެއްވިއެވެ.
އެމްޕީއެލްގެ މަޖޫރީން ބެލުމަށްޓަކައި ޓީވީއެއް ގަތްކަމަށާއި މީޑިއާނެޓްގެ ބިލް ދައްކަމުން ގެންދަނީ އެމީހުން ކަމަށްވެސް މައުލޫމާތު ދިން މީހާ ފާހަގަ ކުރި އެވެ.