ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓްގެ މަސައްކަތްކުރުމަށް އެޖެންޑާކޮށްފައިވާ ހޯމަ ދުވަހުގެ ހެނދުނުގެ ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ތަޅުމަށް ވަޑައިގެން ނެތުމުން، ކޯރަމް ހަމަނުވާތީ ޖަލްސާ މެދުކަނޑާލައިފިއެވެ.
އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ އަށް ވަޑައިނުގެންނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މަޖިލީހަށް ވަނީ އަންގަވާފައެވެ. އީވާ ވަނީ ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ އަމީރު ނެތުމުން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. ޖަލްސާ ފެށުމުގެ ވަގުތު ޖެހުނު އިރު ޖަލްސާގެ ކޯރަމް ހަމައެއްނުވެއެވެ. ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވާ އީވާ ވަނީ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ކޯރަމް ރަނގަބީލު ޖަހާއިރު މެންބަރުން ނެތް ނަމަ އީވާ ރިޔާސަތުގައި އިންނަވައިގެން ޖަލްސާ އެއްކޮށް ނިންމަވާލައްވާފައި އެބަ ހުއްޓެވެ. އެހެންނަމަވެސް ބަޖެޓްގެ މަސައްކަތް އާއްމުންނާއި ގުޅިފައިވާތީ އެ މަސައްކަތް ކުރިއަށް ގެންދަވަން ވީ މިންވަރަކުން މަސައްކަތް ކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ. ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ ބައްލަވާނީ ކިހާ ވަގުތެއް ވަންދެން ކަމެއް އީވާ ފާހަގައެއް ނުކުރައްވައެވެ.
މީގެ ކުރިން ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި އެޖެންޑާ ކުރީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހަށެވެ. ނަމަވެސް އޭރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ، އެ ޖަލްސާ އަށް އަމީރު ވަޑައެއް ނުގަންނަވައެވެ. އެ ޖަލްސާ އަށް ވަޑައިނުގަންނަވަން އަމީރު ނިންމެވީ އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކުގައެވެ. އީވާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި ބަންޑާރަ ނައިބު އޭރު ދެއްވި ލަފާފުޅާއި ޚިލާފަށް، ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައިވެއެވެ.
ހޯމަ ދުވަހުގެ ފުރަތަމަ ޖަލްސާ 9:00 އަށް ތާވަލްކޮށްފައިވާއިރު ދެވަނަ ޖަލްސާ ތާވަލްކޮށްފައި ވަނީ 11:00 އަށެވެ. އެ ޖަލްސާގައި އޮންނާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.