ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 19:22
ރައްކާތެރިކަން ހޯދުމަށް އައް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޓެންޓް ޖަހައިގެން ތިބި މީހުން
ރައްކާތެރިކަން ހޯދުމަށް އައް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޓެންޓް ޖަހައިގެން ތިބި މީހުން
އެންޑީޓީވީ
ގައްޒާގެ ކުޑަކުދިން މަރުވަނީ
އައް-ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމާއި ގުޅިގެން ތުއްތުކުދިންތައް މަރުވަނީ
39 ކުއްޖެއްގެ ފުރާނަ ވަނީ ނުރައްކަލަކަށް ހުށަހެޅިފައި
ހަމާސްގެ މަރުކަޒެއް އިންކަމަށް ބުނެ ޔަހޫދީން ދަނީ ހޮސްޕިޓަކަށް ހަމަލާދެމުން

އައް-ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމާއި ގުޅިގެން ތުއްތުކުދިންތައް މަރުވަމުންދާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުކަމުގައިވާ އައް-ޝިފާ ހޮސްޕިޓަލުގެ އިންކިއުބޭޓަރެއްގައި ތުއްތު ކުއްޖަކު މަރުވެފައިވަނީ އެ ފެސިލިޓީގެ ކަރަންޓް ކަނޑާލުމުން ކަމަށާއި، އިންޓެންސިވް ކެއާގައި އިސްރާއީލުގެ ހަމަލާތަކުގައި އިތުރު މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.

ހައްދުފަަނައަޅާފައިވާ އިސްރާއީލުގެ ޓެރަރިސްޓް އަސްކަރިއްޔާއިން ހުކުރު ދުވަހުގެރޭ ހަމާސްގެ މުޖާހިދުންނާއި ހަނގުރާމަ ކުރަމުން ދިޔަކަމަށްބުނެ ހަމަލާތައް އަމާޒުކުރަމުން ގޮސްފައިވަނީ އައް-ޝިފާ ހޮސްޕިޓަލް ހުންނަ ސަރަހައްދާއި ޣައްޒާ ވަށައިގެންނެވެ.

ފަލަސްތީންގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޤިދްރާ ވިދާޅުވީ އެތަނުގެ ހާލަތު ހިޔާލަށް ގެންނަވަރަށްވުރެ ނާޒުކު ކަމަށެވެ. އައް- ޝިފާ ހޮސްޕިޓަލުގެ ތެރޭގައި މީހުންތައް ތާށިވެފައި ތިބި އިރު ހޮސްޕިޓަލުގެ ގިނަ އިމާރާތްތަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ޤިދްރާ ވިދާޅުވިއެވެ.

ކުށެއް ނެތް އާންމުންނާއި ސިއްހީ ފަރުވާދޭ ތަންތަނާއި މީހުންނަށް އެހީތެރިކަން ފޯރުކޯށްދެމުން އަންނަ ފަރާތްތަކަށް ޓެރަރިސްޓް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާ ދެމުން އަންނަނީ، ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން ތިބެ އެތަންތަން ކޮމާންޑް ސެންޓަރުގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެއެވެ.

ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަދްރާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމުގައި މަރުވި މީހުންގެ އަދަދު 11،078 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 4،506 ކުޑަކުދިންނާއި 3،027 އަންހެނުންނާއި 678 މުސްކުޅިން ހިމެނޭއިރު، 27،490 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ގަދްރާ ވިދާޅުވީ އިސްރާއީލުގެ ހަރުކަށި ސިފައިން ހޮސްޕިޓަލަށް ހަމަލާތައް ދެމުން އަންނަ އިރު، މީހުން ނެރުމުގައި ހަރަކާތްތެރިވާ މީހުންނާއި ހޮސްޕިޓަލުން ބޭރަށް ނުކުންނަ މީހުންނަށް އަމާޒުކޮށް ބަޑިޖަހަމުންދާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލު ވަށައިގެން ހުރި އުސް އިމާރާތްތަކުގައި މަތީގައި ހަރުކަށި ސިފައިންތައް ފިލައި ތިބެގެން ސްނައިޕަރުން ދަނީ ބަޑިޖަހަމުންނެވެ.

މީގެ އިތުރުން އައް-ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމާއެކު އިންކިއުބޭޓަރާއި އެންއައިސީޔޫގައި ތިބި ތުއްތުކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ނުރައްކަލަށް ހުށަހެޅުނު ތުއްތުކުދިންގެ އަދަދު 39ށް އަަރައެވެ. އަދި އަލަށް އުފަންވި 45 ކުދިންގެ ތެރެއިން އިންކިއުބޭޓަރުގައި އޮތް ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހު ޣައްޒާގެ އޮފިޝަލުން ބުނެފައި ވަނީ އައް-ޝިފާގެ ގޯތިތެރެއަށް މިސައިލް ހަމަލާ ދިނުމުގެ ސަބަބުން، އެކަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް