ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމްކުރުން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ހުކުމް ކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އެންމެ ފުރަތަމަ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ރައުޔު އިއްވަވާފައެވެ.
މަހާޒް ވަނީ ދަ ޑިމޮކްރެޓްސްއިން ހުށައަޅާފައިވާ 3 އިޖުރާއީ އިއުތިރާޒުވެސް ބަލައިނުގެންނެވުމަށް ނިންމަވާފައެވެ. އެއީ މި މައްސަލައަކީ ސުޕްރީމް ކޯޓުން ބަލަންޖެހޭ މައްސަލައެއް ނޫންކަމަށް ބުނެ، އެ ޕާޓީން ހުށައެޅި އިއުތިރާޒުތަކެކެވެ.
ގަރާރު ހުށަހެޅުމަށް ހަމަޖެހުނު ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުން ނިންމި ނިންމުން
މަހާޒް ވިދާޅުވީ، 3 ކަމަކަށް ޝަރީއަތުން ގޮތް ނިންމަވާނެކަމަށެވެ. އެއް ކަމަކީ ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ހަމަޖެހުނު ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅުތޯ ނުވަތަ ނޫންތޯއެވެ.
މަހާޒް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދިނުމަށްފަހު 14 ދުވަސް ވުމުން، ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކުރުމަކީ ލާޒިމު ކަމެއްކަން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން އެނގޭކަމަށެވެ.
ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި 44 ވަނަ މާއްދާގެ ދަށުން އެ ޖަލްސާ ކުރިއަށް ގެންދެވިދާނެތޯ
ޝަރީއަތުން ގޮތް ނިންމަންޖެހޭ ދެވަނަ ކަމަކީ މަޖިލީހުގެ ގަވާއިދުގެ 205ގެ (ބ)ގައި ބަޔާންކޮށްފައިވާ، މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި 44 ވަނަ މާއްދާގެ ދަށުން އެ ޖަލްސާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯއެވެ.
މަޖިލީހުގެ ނައިބުރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތްތަކެއް، 3 ޖޫން 2019ގައި އޮތް ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ.
މަހާޒް ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއާއި 44 ވަނަ މާއްދާ އެކުއެކީގައި ކިޔާއިރު ފާހަގަކުރެވޭ ކަންކަން ވިދާޅުވެދެއްވާފައެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 205ގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތަށް، ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، 44 ވަނަ މާއްދާގެ ދަށުން އެ ޖަލްސާ ކުރިއަށް ގެންދެވިދާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި، އީވާއަށް ކުރިމަތިވެވަޑައިގެންފައިވާ އުޒުރު ފިލައިގެން ދަންދެން މަޖިލިސް މަޑުޖައްސާލުމަކީ މަޖިލީހުގެ ގަވާއިދުގެ ރޫހުކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް މަހާޒު ވިދާޅުވިއެވެ.
ވުމާއެކު، ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ހަމަޖެހުނު ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް މަހާޒު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އެހެން މަސައްކަތެއް ކުރުން:
ޝަރީއަތުން ގޮތެއް ނިންމަންޖެހޭ ތިންވަނަ ކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އެހެންކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ މައްސަލަ ނިންމާފައިތޯ ނުވަތަ ނޫންތޯއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުން ބަހުސްކުރާ މައްސަލަތަކާއި ގޮތް ނިންމަންޖެހޭ މައްސަލަތަކުގެ ވާހަކައެވެ.
އެ މާއްދާގައި އެހެން އޮންނާތީ، އެމްޑީޕީން ވަނީ އައު ރައީސަކު ހުވާކުރައްވާ ޖަލްސާގައިވެސް މި މައްސަލަ އެޖެންޑާކުރަންޖެހޭނެ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް އައު ރައީސް ހުވާ ކުރެއްވުމަކީ މަޖިލީހުން ބަހުސްކޮށް، ގޮތް ނިންމަންޖެހޭ ކަމަކަށް ނުވާއިރު، މި މައްސަލައާ ގުޅިގެން އައު ރައީސް ހުވާކުރެއްވުމުގެ މައްސަލައަކަށް ހުރަހެއް ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުން ދެކެއެވެ.
އެކަމާ ގުޅޭގޮތުން މަހާޒު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ވާ ގޮތުގެ މަތިން، އެ ގަރާރު ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް އައު ރައީސް ހުވާކުރެއްވުމަށް މި މައްސަލައިން ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މަހާޒުވެސް ވިދާޅުވިއެވެ.
މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ.
ފަނޑިޔާރު ސުއޫދު ވިދާޅުވާގޮތުގައި ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނެއް ނޫނެވެ. އެގޮތުން ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައިގެންކަމަށް ސުއޫދު ވިދާޅުވިއެވެ.
ހުށަހެޅިފައި މިވާ މައްސަލައަކީ އަސްލީ އިޚްތިސާސްގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއްކަން ވެސް ސުއޫދު ފާހަގަކުރެއްވިއެވެ.
ސުއޫދު ވިދާޅުވީ، 205 ވަނަ މާއްދާގެ (ބ)، އެ މާއްދާއާ ގުޅުންހުރި އެހެން މާއްދާތަކުގެ ސްކީމުން ބޭރުވާނެ ގޮތެއް ނެތްކަމަށެވެ. ވީއިރު އެ މާއްދާ ކިޔަންޖެހޭނީ ގާނޫނުއަސާސީގެ 82ގެ (ށ)އާއި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ މަގުސަދު ހާސިލުވާގޮތަށް، އެކުއެކީގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ އިޖުރާއަތު ތަތުބީގު ކުރެވޭނެކަމަށެވެ.
އެހެންނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އެހެން މަސައްކަތެއް ކުރުމާގުޅޭ ނުކުތާގައި ސުއުދޫ ވިދާޅުވީ، އެކަމާ ގުޅޭ މާއްދާ މަޖިލީހުން މާނަކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ސަބަބަކީ މަޖިލީހުގެ މަސައްކަތް ހުއްޓޭ ގޮތެއް މެދުވެރިވުމަކީ މަޖިލީހުގެ ތަސައްވުރުގައި އޮންނާނެ ކަމަކަށް ނުވާތީކަމަށް ސުއޫދު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން، އިންތިޚާބީ ރައީސް މަގާމުގެ ހުވާ ކުރެއްވުމަކީވެސް ކޮންމެހެން ގާނޫނުއަސާސީން ކުރުން ލާޒިމުވާނެ ކަމެއްކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.
މަހާޒުގެ ރައުޔުގައި ހިމެނޭ އިޖުރާއީ ނުކުތާތަކާގުޅޭ ނިންމެވުމާއި، އިތުރަށް ހިމެނޭ 3 ނުކުތާގައި ނިންމަވާފައިވާ ހަމަތަކާއި، ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބަޔާން ކުރައްވާފައިވާ ކަންކަމަށް، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވަނީ ތާއީދު ކުރައްވާފައެވެ. އަދި މަހާޒުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހީމްވެސް ވަނީ ތާއީދު ކުރައްވާފައެވެ.