ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 14:05
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު
ޕީޖީ އޮފީސް
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުން
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި 132 މީހުން
އެންމެ ދުވަސްވީ ދެ މީހުންގެ ގޮތުގައި ތިބީ 88 އަހަރުގެ ދެމީހުން

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި 132 މީހަކު ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާ (ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުން) ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިޢުކޮށްފައިވާ އިރު މި ލިސްޓުގައި ޖުމްލަ 132 މީހަކު ހިމެނެއެވެ. މީގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ދެ މީހުންގެ ގޮތުގައި ތިބީ 88 އަހަރުގެ ދެމީހުންނެވެ.

މިލިސްޓު، މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ. މިލިސްޓުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓަރ ކުރެވެން ހުރެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މަޢުލޫމާތު ބެލޭ ގޮތަށެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރަށް ބަލާލާއިރު، 50 އަހަރުން މަތީގެ 43 މީހަކު ހިމެނެއެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ 50 މީހުން ހިމެނެއެވެ. 18 އަހަރާއި 34 އަހަރާއި ދެމެދުގެ 38 މީހަކު މި ދަފުތަރުގައި ހިމެނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނެއެވެ.

- ކޮމެންޓް