ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް އެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މިއީ މި މައްސަލަ އެޖެންޑާ ކުރި 5 ވަނަ ފަހަރެވެ. މި ޖަލްސާ ކެންސަލްކުރީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ޖަލްސާ އަށް ސަލާމް ފޮނުއްވާފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު މެންބަރުންނަށް އަންގަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިދިޔަ ހަފްތާގެ އާދިއްތަ، ހޯމަ، ބުދަ އަދި ބުރާސްފަތި ދުވަހަށް އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެ ދުވަސްތަކުގައި ވެސް ސަލާމުގައި ހުންނެވުމުން ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. މި މައްސަލަ ކުރިއަށް ގެންދެވޭނެގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ ކޯޓުން މި މައްސަލަ ބަލައިގަނެ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިދިޔަ މަހު މަޖިލީހަށް ވައްދާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުގައެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން ބޭނުންވާނީ 43 މެންބަރުންގެ ވޯޓެވެ.