ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖިރޯނާ އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޖިރޯނާ އިންނެވެ. މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިވާން މާޓިން އެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި އޮސަސޫނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންޓޭ ބުޑިމިރް އެވެ. މެޗުގެ ދެ ވަނަ ހާފަށް ނުކުމެ އޮސަސޫނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. 55 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވެސް ބުޑިމިރް އެވެ. ނަމަވެސް، އޭގެ ފަހުން ޖިރޯނާ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ޖިރޯނާ އަށް ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އާޓެމް ޑޮބީކް އެވެ. އޭގެ ނުވަ މިނެޓު ފަހުން ދެ ވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނީ ވިކްޓޯ ސިގަންކޯ އެވެ. މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުން ޖިރޯނާ އަށް ފުރިހަމަ މޮޅެއް ހޯދައިދިނީ 90 ވަނަ މިނެޓުގައި އެލެއިކްސް ގާސިއާ އެވެ.
މިއީ މި ސީޒަންގެ ލީގުގައި ޖިރޯނާ އިން ހޯދި 10 ވަނަ މޮޅެވެ. މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމު ވަނީ އެއް މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފަ އެވެ. މިހާތަނަށް 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. އެއީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަހަމަކޮށްގެން ޕޮއިންޓުގެ ގޮތުން ޖިރޯނާއާ އެއްވަރުކުރުމުގެ ފުރުސަތު ރެއާލަށް އޮންނާނެ އެވެ.