ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 11:55
ހުޅަނގު އައްސޭރީގެ ޖެނިންގައި އިއްޔެ ބޭއްވި ޖަނާޒާގެ ތެރެއިން
ހުޅަނގު އައްސޭރީގެ ޖެނިންގައި އިއްޔެ ބޭއްވި ޖަނާޒާގެ ތެރެއިން
ރޮއިޓާސް
ހުޅަނގު އައްސޭރީގައި ބޭއްވި ޖަނާޒާ
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 3 ޒުވާނެއްގެ ޖަނާޒާ ޖެނިންގައި ބާއްވައިފި
ފަލަސްތީނުގެ ޒުވާނުން ބުނީ އިސްރާއީލްގެ ބިރުދެއްކުމަށް ނުސިހޭނެ ކަމަށާއި، އެންމެ ފަހު މީހާއާއި ޖެހެންދެން ދިފާޢުގައި ހަނގުރާނަ ކުރާނެކަމަށް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ޔާހޫދީން ދިން ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނުގެ 3 ޒުވާނެއްގެ ޖަނާޒާ ހުކުރު ދުވަހު އެ ސިޓީގައި ބާއްވައިފިއެވެ.

ޖަނާޒާގައި ބައިވެރިވުމުގެ ގޮތުން ހިތާމަ ފާޅުކުރުމާއެކު އެތައްބަޔަކުވަނީ މަގުތަކަށް ނުކުމެ ޝުޢޫރު ފާޅުކޮށްފައެވެ.

މި ޖަނާޒާގައި ބައިވެރިވި ފަލަސްތީނުގެ މުޖާހިދުންގެ ތެރޭގައި ހިމެނޭ އުމުރުން 18 އަހަރުގެ މާޖިދު އަބޫ ޒުމާވާ އޭއެފްޕީއާ ވާހަކަ ދައްކަމުން ވަނީ އިސްރާއީލުން ދިން ހަމަލާތަކާއެކު ވެސް ފަލަސްތީނުން އިސްރާއީލަށް ބޯނުލަނބާނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ފަލަސްތީނުގެ ޒުވާނުން ތިބީ ހަނގުރާމަކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އަބޫ ޒުމާވާ ބުނި ގޮތުގައި އިސްރާއީލުގެ ޔަހޫދީން ބޭނުންވާ ކޮންމެ ކަމެއް ވެސް އެ މީހުންނަށް ކުރެވިދާނެ އެވެ. އެކަމަކު އެމީހުންނާ ދެކޮޅަށް ކުރެވުނު ހުރިހާކަމެއް ކުރާން ފަލަސްތީނުގެ ޒުވާނުންތިބީ ހިތްވަރާއެކު ތައްޔާރަށެވެ.

އަހަރެމެން މިތިބީ ތައްޔާރަށް، ހަނގުރާމަ ކުރާނަން، ދެކޮޅު ހަދާނަން
އަބޫ ޒުމާވާ

ޖެނިންގައި ހިންގަމުންދާ ޖަރީމާތައް އިސްރާއީލުން ވަނީ އިތުރުކޮށްފައެވެ. އެ ޖަރީމާތައް އިތުރު ކުރަމުން ދަނީ މިވަގުތު ޣައްޒާއަށް ދެމުން ދާ ހަމަލާތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފޯކަސް ޣައްޒާ ސިޓީއަށް އޮތުމުން ކަމަށް ބެލެވެއެވެ. އަދި އިސްރާއީލުގެ އުދުވާންތައް ޖެނިންގައި އިތުރުކުރަމުން މިދަނީ އިސްރާއީލަށް ހަމާސް ޖަމާއަތުން ދިން ޙަމަލާގައި އިސްރާއީލުގެ 1،400 މީހުން މަރުވުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކެއްގެ ގޮތުން ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

ހުޅަނގު އައްސޭރީގެ ލޯކަލް އޮތޯރިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޖެނިންގައި ހިންގާ ޖަރީމާތައް އިތުރުވި ފަހުން މިހާތަނަށް ފަލަސްތީނުގެ 140 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހުކުރުދުވަހުގެ ރޭ ހިންގި އޮޕަރޭޝަންތަކުގައި ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ޖުމުލަ 8 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި ޖެނިންގެ އުމުރުން 17 އަހަރާއި 26 އަހަރާ ދެމެދުގެ ތިން ފިރިހެނުން ވެސް ހިމެނެއެވެ.

އިސްރާއީލުގެ އަސްކަރީ ޙަރަކާތްތައް ޖެނިންގައި ހިންގަމުން ދިޔައިރު، ޖެނިންގެ ބައިބޯ އަވަށެއްގައި އޮތް މަގެއް އިސްރާއީލުގެ ބުލްޑޯޒަރ ޓްރެކްތަކުން ވަނީ ހަލާކުކޮށްލައިފައެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޖެނިންގެ މަގުތައް ހަލާކުކޮށް ގެދޮރަށް ގެއްލުންތައް ދިންނަމަ ވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ޖެނިންގައި އިއްޔެ ބޭއްވި ޖަނާޒާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ހިނގާލުމުގައި ފަލަސްތީނުގެ ގިނަ ޒުވާން ފިރިހެނުން ބައިވެރި ވެފައިވަނީ އެއްބައިވަންތަކަމާ އެކުގައެވެ. އެހެންނަމަވެސް އިސްރާއިލާއި ދެކޮޅަށް އަޑުއުފުލަމުން ދިޔައިރު ޒުވާނުން ދިޔައީ ވައިގެ ތެރެއަށް ރައިފަލް ޖަހަމުންނެވެ. އަދި ހިނގާލުމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު އެ ކުދިން ތިބީ އިސްލާމީ ޖިހާދުގެ ދިދަތައް ހިފައިގެންނެވެ. ހިނގާލުން ނިންމާލީ ޝަހީދުންނަށް ޓަކައި ކުރެވޭ އެންމެ ފަހުގެ އަޅުކަން ކަމުގައިވާ ކަށުނަމާދު ކުރުމުންނެވެ. ކަށުނަމާދުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.  

ފަލަސްތީނުގެ ޒުވާން އެތައް މުޖާހިދުންގެ ފުރާނަ ގެއްލުނު ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ތިބީ ހަނގުރާމަ ކުރިއަށް ގެންދިއުމަށާއި އިސްލާމްދިނާއި މުސްލިމުންނަށް ޓަކައި ގުރުބާންވި މީހުންގެ އަގު ވަޒަންކުރުމުގެ އަޒުމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް