ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 19:30
އިސްރާއީލު ސިފައިން ރެއިޑް ކުރަން ފެށުމުން ފަލަސްތީނުގެ ރައްޔިތުން ސަލަމަތް ހޯދަން ހޮސްޕިޓަލެއް ކައިރީގައި
އިސްރާއީލު ސިފައިން ރެއިޑް ކުރަން ފެށުމުން ފަލަސްތީނުގެ ރައްޔިތުން ސަލަމަތް ހޯދަން ހޮސްޕިޓަލެއް ކައިރީގައި
ރޮއިޓާސް
އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް
އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 10 މީހުން މަރާލައިފި
 
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އޮކްޓޯބަރު 7 ގައި ހަމަލާ ދޭން ފެށިފަހުން ހުޅަނގު އައްސޭރިން 140 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައި

ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން ފަލަސްތީންގެ ވެސްޓްބޭންކް ނުވަތަ ހުޅަނގު އައްސޭރިއަށް އަރައި ދިން ހަމަލާތަކުގައި 10 މީހުން މަރާލައިފިއެވެ.

ފަލަސްތީންގެ އިދާރާތަކާ ހަވާލާދީ އަލްޖަޒީއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން އެންމެ ފުރަތަމަ އެރީ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައި ހުޅަނގު އައްސޭރީގެ ޖެނީންއަށެވެ. އެ ސަރަހައްދުގައި ނުވަ ގަޑިއިރު ވަންދެން އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވިއިރު ޖުމްލަ ފަސް މީހަކު މަރާލައި ދެ ގެއެއް ވަނީ ގޮއްވާލައިފައެވެ.

މިއީ އިސްރާއީލުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޖެނީންއަށް އަރައި ހަމަނުޖެހުން ހިންގި ހަވަނަ ފަހަރެވެ. ކުރީގެ ހަމަނުޖެހުންތަކުގައި ވެސް އެތައް ފުރާނައެއް ވަނީ ގެއްލިފައެވެ.

ޖެނީންގެ އިތުރުން ހުޅަނގު އައްސޭރީގައި ހުންނަ އަލް ފައްވާރު ރެފިއުޖީ ކޭމްޕަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާ ދީފައެވެ. ތިން ގަޑިއިރު ވަންދެން އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ އާއްމުންގެ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ މީހަކު ވަނީ މަރާލައިފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުން އިސްރާއީލުގެ ސިފައިން މަރާލާފައިވަނީ ނާބުލުސް އިން މީހަކާއި ބުދުރުސްއިން މީހަކާއި ޤަލަންދިޔާ ރެފިއުޖި ކޭމްޕުން މީހެކެވެ.

ހުކުރު ދުވަހު ހުކުރު ނަމާދުވާގުތާ ދިމާކޮށް ވެސް އެކި ސަރަހައްދުތަކަށް އިސްރާއީލުގެ ސިފައިން ވަނީ އަރައި، ހަމަނުޖެހުން ހިންގާފައެވެ.

އިސްރާއީލުން ވަނީ 1967 އަހަރުން ފެށިގެން ވެސްޓްބޭންކަށް އަތްގަދަކޮށްފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން އެކި ފަހަރުމަތިން ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރާލައިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އޮކްޓޯބަރު 7 ގައި ހަމަލާ ދޭން ފެށިފަހުން ހުޅަނގު އައްސޭރިން ވަނީ 140 އަށްވުރެ ގިނަ މީހުން މަރާލައިފައެވެ. އަދި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 9000 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރާލާފައިވާއިރު މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްތީންގެ ދެސަރަހައްދު ކަމަށްވާ ޣައްޒާ އާއި ހުޅަނގު އައްސޭރި އޮންނަ އިރު، ހުޅަނގު އައްސޭރިއަކީ އެންމެ ބޮޑު ސަރަހައްދެވެ. އެއްފަރާތުގަ މެޑިޓަރޭނިއަން ކަނޑު އޮތް ނަމަވެސް ހުޅަގު އައްސޭރިވެސް އޮންނަނީ ތިން ވަރާތުން އިސްރާއިލާ ގުޅިފައެވެ. އެސަރަހައްދަށްވެސް ފެނާ ކަރަންޓާ ތެޔޮ ލިބެނީ އިސްރާއިލުން ދީފިނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި