ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 21:33
މާލޭގައި ގާއިމުކުރި ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން
މާލޭގައި ގާއިމުކުރި ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން
ރާއްޖެއެމްވީ
ވެމްކޯ
ވެމްކޯގެ މާލީ އޮޑިޓްތައް 2020ން ފެށިގެން ނުހަދާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި
 
2020 ވަނަ އަހަރުން ފެށިގެން، އެ ކުންފުނީގެ މާލީ އޮޑިޓުތައް ދިޔައީ ފުރިހަމަކުރަމުން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން 2020 ވަނަ އަހަރުން ފެށިގެން މާލީ ހިސާބުތައް އޮޑިޓު ނުކުރާކަމަށް، އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވިނަމަވެސް، އެ ވާހަކަތައް ވެމްކޯއިން ދޮގުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، 2020 ވަނަ އަަހަރުން ފެށިގެން ވެމްކޯއިން ފައިނޭންޝަލް އޮޑިޓް ފުރިހަމަކޮށްފައި ނުވާކަމަށެވެ. އަދި ވެމްކޯގައި ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވައިލެވިފައި ނެތްކަމަށާއި، އެ ކުންފުނީގެ އިވެންޓްރީއާއި ސްޓޮކް ރަނގަޅަށް ބެލެހެއްޓިފައި ނުވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"ން ސުވާލު ދެންނެވުމުން، ވެމްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުލްހަލީމް ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ މާލީ އޮޑިޓެއް ނުހަދާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

ހަލީމް ވިދާޅުވީ، އެހެން ނަމަވެސް 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް އަދި އާންމުކޮށްފައި ނުވާނެކަމަށާއި، އެއީ އެ އޮޑިިޓް މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވުމުން ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް ނެތްކަމަށް ފިރުޒުލް ވިދާޅުވި ވާހަކަކޮޅަށް އިޝާރާތް ކުރައްވަމުން ހަލީމް ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެންވެސް ކުންފުނީގެ ޑިވެލޮޕްމެންޓް ޕްލޭނެއް އޮންނަކަމަށާއި، އޭގެ ދަށުން ކުންފުނީގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް ކުންފުނީގެ އިންވެންޓްރީއާއި ސްޓޮކް މެނޭޖް ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ، ރާއްޖޭގެ ޔޫޓިލިޓީ ކުންފުނިތަކުގެ މާލީ ހާލަތާއި އެނޫންވެސް ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ވެމްކޯގެ ވާހަކަ ދައްކަވަމުން ފިރުޒުލް ވަނީ, ވެމްކޯ ނެގަޓިވް ކަމެއްގައި އޮތް އޮތުން ބަދަލުކުރުމަށް އައު ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް