މާލެ ހުޅުމާލެ ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތަކުގެ ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ، ކުރީ ސަރުކާރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުން އެންމެ ރީތި މަންޒަރަކަށް ފެންނަނީ ބްރިޖު ހައިވޭގައި ދުއްވާފައި ދާއިރު އެ ފެންނަ މަންޒަރު ކަމަށާއި، ނަމަވެސް ސޯލާ ޕްރޮޖެކްޓުގެ ސަބަބުން މިހާރު ކަނޑުގެ މަންޒަރު ގެއްލި، ހައިވޭ ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ހައިވޭއިން އެ ތަކެތި ނަގައި، ސޯލާ ޕަވާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ އެއް ރަށް ނޫނީ ދެ ރަށަކަށް އެތަކެތި ބަދަލުކުރައްވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އަންގާރަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ 2017 ގައި މިހާރުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް ވަޒީރެއްގެ ގޮތުގައި ހިމެނި ވަޑައިގެންނެވި ރައީސް ޔަމީނުގެ ސަރުކާރުގަކަމަށާއި، މި މަޝްރޫއުގައި އެކުލަވާލައި ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް، ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި، ނަގަންޖެހޭ ހުއްދަތައް ނަގާފައި ވަނީ ވެސް 2017 އާއި 2018 އާއި ދެމެދުގައި، އޭރުގެ ސަރުކާރުގައި ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫއަކީ ވަރލްޑް ބޭންކުން ގެރެންޓީ ފެސިލިޓީތައް ފޯރުކޮށްދީގެން ޕްރައިވެޓް ސެކްޓަރ ފައިނޭންސް މެދުވެރިކޮށް، ސަރުކާރުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ހިންގޭ މަޝްރޫއެއްކަމަށާއި، އެއް ސަރުކާރުން ފަށާ ޤައުމީ ތަރައްޤީގެ މިފަދަ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލާ ކުރިއަށްގެންދިއުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަންޖެހޭ އަސާސެއްކަމަށް ދެކި މި މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާއެއްގޮތަށް މިހާރުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު ބޮޑު އިއާދަކުރަނިވި ހަކަތައިގެ އެއް މަޝްރޫކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި މި މަޝްރުއުގެ ދަށުން ލިންކް ރޯޑުގަ އާއި ހުޅުމާލެ ބައެއް ފުލެޓްތަކުގެ ފުރާޅުގައި ހަރުކޮށްފައިވާ ޖުމްލަ 5.6 މެގަވޮޓުން އުފެއްދޭ ސާފު ހަކަތައިން އަހަރަކު ގާތްގަނޑަކަށް 12000 ފީފާ ތެޔޮ ނުއަންދާ ސަލާމަތް ކުރެވޭނެކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި މީގެ ސަބަބުން އަހަރަކު ތެލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ލިންކު ރޯޑުގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ 10.9 އެމެރިކާ ސެންޓަށްކަމަށާއި، ކަރަންޓު ޔުނިޓެއް މިއަދުގެ ތެލުގެ އަގުން ބަލާނަމަ ސްޓެއް ސްޓެލްކޯގެ އިންޖީނުގެއިން އަމިއްލައަށް އުފައްދާނަމަގާތްގަނޑަކަށް 34 އެމެރިކާ ސެންޓް ޚަރަދުވާނެކަމަށް އެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ސަބަބުން ކަރަންޓް ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވޭކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި މާލެ ސިޓީގެ ކަރަންޓު ވިއުގައާ ގުޅުވާލަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގައި އިންސްޓޯލްކޮށްފައިވާ ޕެނަލްތައް ނަގާނެކަމަށް ބުނުމަކީ، އޭގެ ސަބަބުން ދައުލަތައް މާލީ ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެގޮތުން، ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭކަމަށާއި، ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ޚަރަދެއް ކުރަންޖެހޭނެކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ފަދަ ނިންމުންތަކަކީ، ރާއްޖޭގެ އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ޖެހިލުންވެ، ވަރލްޑް ބޭންކް ފަދަ ރާއްޖެއަށް އެކި ރޮނގުރޮނގުން އެހީ ތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެގެންދާނެކަމެއްކަމަށާއި، އެ ފަރާތްތަކުން ފޯރުކޮށްދެމުންދާ އަދި ފޯރުކޮށްދިނުމަށް ރާވާފައިވާ އެހީތަކާމެދެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވާނެކަމެއްކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ، ހިޔާ ލިބޭގޮތަށް އޭގެ ދަށް ސަރުކާރުން ކަނޑައަޅާ އުސޭލެއްގެ ދަށުން އެކި އެކި އިޖްތިމާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށްކަމަށާއި، ސޯލާ ސްޓްރަކްޗަރތައް ފެހިކޮށް ރީތި ލޭންޑް މާރކެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށްވެސް ޕްލޭންތައް ކުރެވިފައިވާކަމަށް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.
ކަރަންޓު އުފެއްދުމަށް ސަބްސިޑީގެ ގޮތުގައި ކުރާ ހޭދަކުޑަކުރުމަށާއި، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ކަރަންޓުގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެގޮތުން، މުޅިރާއްޖޭގައި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު 2018 ވަނަ އަހަރު ނިމުނިއިރު ހުރި 16.5 މެގަވޮޓު މިހާރު ވަނީ 53.3 މެގަވޮޓަށް އިތުރުކުރެވިފައިކަމަށާއި، މިހާރުވެސް މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކްތަކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުން ދާކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި އެކި މަރުހަލާތަކުގައި ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން އިތުރު 67.8 މެގަވޮޓު ގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރެވޭނެކަމަށާއި، މި މަސައްކަތްތައް ނިމުމުން އިއާދަކުރަނިވި ހަކަތައިގެ ގާބިލުކުން ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވިގެންދާނެކަމަށާއި، އަދި ތެލަށް ކުރާ ހޭދައިން އަހަރަކު 1 ބިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް ސަލާމަތް ކުރެވިގެންދާނެކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.