ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 05:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިހާރު
ޔާމީން
ޔާމީން މުއިއްޒުއަށް: ފާސް މާކްސް ލިބޭނީ އިންޑިއާ ސިފައިން ބޭރުކޮށް، ގެއްލުނުކަމަށް ބުނާ ކަނޑުގެ ބައި ހޯދައިގެން
 
މި ޤައުމަކީ މިނިވަން ޤައުމެކޭ މިހާރު ބުނެވެން ނެތް ކަމަށް ވިދާޅުވި
 
އިންޑިއާ ސިފައިން ފޮނުވާލަން މުއިއްޒުގެ ސަރުކާރުން ނޫޅޭނަމަ "އިންޑިއާ އިން" ޓީޝާޓުގައި ނުކުންނަވާނެ ކަމަށް ވިދާޅުވި
 
ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ބައިވެރިނުވޭ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް "ފާސް މާކްސް" ދެއްވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވަޑައިނުގަންނަވައެވެ.

މިއީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިއްހީ ސަބަބުތަކަށްޓަކައި ޔާމީނަށް ދީފައިވާ ލުއިތަކާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ދެވަނަ ޖަލްސާއެވެ. ދެ ޖަލްސާއިންވެސް ކޯލިޝަނުގެ ލީޑަރޝިޕެއް ނުފެނެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ޔާމީން ވިދާޅުވީ މި ޤައުމަކީ މިނިވަން ޤައުމެކޭ މިހާރު ބުނެވެން ނެތް ކަމަށެވެ. އެގޮތުން، ކުރިން ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރައްދެއް މިހާރު އަތުގައި ނެތްކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ފާހަގަކުރެއްވިއެވެ. އަދި އެއީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް "ވިއްކި" ދެ ކަންތައް ކަމަށާއި އެދެކަން ހައްލު ކުރަން ޖެހޭނެ ކަމަށެވެ.

މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ އިޓްލޮސް އަށް ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދަން ރަޖިސްޓާ ކުރުން ކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އެ ޤައުމަކީ ރާއްޖެއާ ގާތް އަވަށްޓެރި ގައުމަކަށް ވާތީ އެ ގައުމު ރުޅި އަރުވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާ ވާހަކަދައްކައިގެން ވެރިކަމުގެ ބޮޑުބައެއް ނިމުމުގެ ކުރިން އިންޑިއާ ސިފައިން ފޮނުވާލަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ފޮނުވާލަން މުއިއްޒުގެ ސަރުކާރުން ނޫޅޭނަމަ "އިންޑިއާ އިން" ޓީޝާޓުގައި ނުކުންނަވާނެ ކަމަށް ވިދާޅުވިއެވެ.

މި ދެ ކަންތައް ކުރަން މުއިއްޒު އަމާޒު ކުރައްވާ ތާވަލު ހާމަކުރައްވައި ދޭތެރެދޭތެރެއިން ރައްޔިތުންނަށް އޭގެ އަޕްޑޭޓް ދޭން ޖެހޭނެކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް