އަންދްރީ އިލްކިޔުވްއަކީ ޔޫކްރައިންގެ ފުލުހުންގެ ތެރޭގައި އަސްކަރީ އިންޖިނޭރެއް ނުވަތަ ސެޕަރއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހިތްވަރުގަދަ، 'ޤައުމީ' ދަރިއެކެވެ. އިލްކިޔުވްގެ ތަޢާރަފު މި ފަދަ ގޮތަކަށް މި ދިނީ ސަބަބެއް ނެތިއެއް ނޫނެވެ. އިލްކިޔުވްގެ ވާތުފައި، ކަކުލުހުޅުން ފެށިގެން ތިރި ބުރިކޮށްލަން ޖެހުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ހާދިޘާއަކާ ގުޅިގެންނެވެ. ޙާދިޘާ ހިނގާފައި ވަނީ، އެއްގަމުގައި ވަޅުލާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، މައިނެއް ގޮވައިގެންނެވެ.
އެހެނެއް ކަމަކު، ޖެހިގެން އައި އަހަރު، އާދެ، 2023 އަހަރުގެ މެއި މަހަށް ފެށުނު އިރު އިލްކިޔުވް ހުރީ އަނެއްކާވެސް ވަޒީފާގެ މައިދާނުގައެވެ. ހަމަ ކުރިންވެސް އަދާ ކުރަމުން ދިޔަ ސެޕަރއެއްގެ ވަޒީފާގައި، ޤައުމީ ޚިދުމަތުގައެވެ. އެއްގަމުގައި ވަޅުލާފައި ވާ މައިންތައް ހޯދައި، އެ ނައްތާލުމުގެ ނުރައްކާތެރި މައްސޫލިއްޔަތު ކޮނޑު އަޅައިގެން ތެދުވެ ހުރީ، މަސްނޫއީ ފައެއްގެ މައްޗަށެވެ.
ޢުމުރުން 37 އަހަރުގެ އިލްކިޔުވްއަކީ 4 ދަރިންގެ ބައްޕައެކެވެ. އިލްކިޔުވްއަކީ ރަޝިޔާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންގެ ފުލުހުންގެ ޚިދުމަތުގައި އޮތް 100 އެއްހާ މެންބަރުންގެ ޚާއްޞަ ޔުނިޓްގައި އަނިޔާ ލިބިފައި ވާ ފުލުހުންގެ ތެރެއިން ޚިދުމަތަށް ނުކުމެ ތިބި 14ފުލުހުންގެ ސަފުގައި ހިމެނޭ އެކަކެވެ. އިލްކިޔުވްފަދައިން އެ ހުރިހާ އެންމެނަކީވެސް، މައިންތައް ސާފު ކުރުމުގެ މަސައްކަތުގެ ތެރޭގައި އަނިޔާ ލިބި ޒަޚަމްވެފައި ވާ ފުލުހުންނެވެ.
ތެދެއް، އަނބުރާ ވަޒީފާއަށް ނުކުންނަ އިރު، ހިތުގަ ބިރު އޮވޭ. މައިންފީލްޑަކާ ޖެހިގެން ހުއްޓިލައިގެން ހުންނައިރު ބިރުގަނޭ. އެކަމަކު، ހަމަ އިޙްސާސާއެކީގަ ހިތަށް އަރާ، މައިން ޑިޓެކްޓަރާއި، ސެޕަރ ސްޕޭޑްއާއި އެކަހަލަ ޚާއްޞަ ޢާލާތްތަކުގެ އެހީގަ ރައްކާތެރި ކަމާއެކު އެއްތަނުން އަނެއް ތަނަށް ގޮސް، މައިން ނައްތާލުމުގެ މަސައްކަތުގަ އުޅެވިދާނެއޭވެސް.އަންދްރީ އިލްކިޔުވް؛ ޔޫކްރައިން ފުލުހުންގެ މައިން ނައްތާލާ ޔުނިޓްގެ ލެފްޓިނެންޓް ކާނަލްއެއް
20 މަސް ދުވަހަށް ދިގުލާފައި ވާ ރަޝިޔާ-ޔޫކްރައިން ހަނގުރާމައިގެ ތެރޭގައި، ޔޫކްރައިންގެ 174000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ނުރައްކާތެރި މައިންތަކާއި އެނޫންވެސް ގެއްލުން ދެނިވި އަސްކަރީ ހަތިޔާރުތައް އެބަ ހުރި ކަމަށް ޔޫކްރައިނުން އަންދާޒާ ކުރެއެވެ. އެއީ އެ ޤައުމުގެ ބޮޑު މިނަށް ބަލާނަމަ، މުޅި ޤައުމުގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައެވެ.
ޔޫކްރައިން ފުލުލުހުންގެ ތެރޭގައި އިލްކިޔުވް ޚިދުމަތް ކުރަމުން ދާ ޔުނިޓް އުފެއްދީ ހަނގުރާމައިގެ ތެރޭގައެވެ. އެ ޔުނިޓްގެ މައްސޫލިއްޔަތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޫޙުގައި، ހަނގުރާމަ ހިނގާ ސަރަޙައްދާ ދުރުން، މައިންތައް ނަގައި، އެ މައިންތައް ނައްތާލާ، އެ ސަރަޙައްދުތައް ސާފު ކުރުމެވެ. އިލްކިޔުވްގެ ޔުނިޓުން މި ދުވަސްކޮޅު މަސައްކަތް ކުރަމުން ދަނީ ޚަރްސޮންއާއި ޚާރްކީވްގެ ސަރަޙައްދުތަކުގައެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި، ރަޝިޔާއަތުން އަނބުރާ ހޯދާފައިވާ ބިންތަކެއް އޮތް ސަރަޙައްދުތަކެކެވެ. އިލްކިޔުވްއާއެކު ފުލުހުންގެ ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން 4 މީހަކު ވަނީ، މައިން ގޮވުމުގެ ހާދިޘާތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. އިތުރު 16 މީހަކު ވަނީ ޒަޚަމްވެފައެވެ.
އިލްކިޔުވް ޒަޚަމްވީވެސް ޚާރްކީވްގެ މައިނެއް ގޮވައިގެންނެވެ. އެ ސަރަޙައްދުގައި ހުރި މައިންތަކަކީ، ފެންނަ މަންޒަރުތަކަށް ބަލައިގެން ދެނެގަނެވޭ ފަދަ މައިންތަކެއް ނޫނެވެ.
އެއީ އިލްކިޔުވްގެ އަނބިމީހާގެ ހިތް، އިންތިހާއަށް ހިތް ނުތަނަވަސް ކުރުވާ ކަމަކަށް ވީ ނަމަވެސް، އަލުން އަނބުރާ ވަޒީފާއަށް ނުކުތީ، މައިންތަކުން ސާފު ނުކުރެވި އޮތް ސަރަޙައްދުގެ ބޮޑުކަން އޭނާއަށް އެނގޭތީއެވެ
އަހަރެން ގުޅުން އަންހެނުންނަށް. މައިން ގޮވި ހާދިޘާގަ މަގޭ ފޯނުވެސް އޮތީ ހަލާކުވެފަ އޭރު. އެހެންވެ، ނަރުހެއްގެ ފޯނުން ގުޅީ. އަންހެނުންގެ ނަމްބަރު ހިތުދަސްވިއްޔާ. އޭނައަށް ގުޅާފަ ބުނިން، ދެން މަށަކަށް ހަނގުރާމައެއް ނުކުރެވޭނެޔޭ، އަހަރެން މި ދަނީޔޭ ގެއަށް. އެހެން ކޮންމެ މީހެއްގެ އަނބިމީހާ ގޮތަށް، އޭނައަށްވެސް ލިބުނީ ޝޮކެއް. ވަރަށް ހައިރާންވެފަ ހުރީ... ދެން މަށަށް މި ފެންނަނީ މަސްނޫއީ ގުނަވަންތައް ޖަހައިގެން މީހުން އުޅޭ މަންޒަރު. އެއްތަނުން އަނެއް ތަނަށް ގޮސް އުޅޭ އުޅުން. ކުޅިވަރު ކުޅޭ މަންޒަރާއި، ހަރަކާތްތެރި ދިރިއުޅުމެއްގަ އެމީހުން އުޅޭ މަންޒަރު މި ފެންނަނީ. އެހާ ހިސާބުން މަށަށްވެސް ވިސްނުނު، އަލުން އަނބުރާ ވަޒީފާއަށް ނުކުމެވިދާނެކަން.އަންދްރީ އިލްކިޔުވް؛ ޔޫކްރައިން ފުލުހުންގެ މައިން ނައްތާލާ ޔުނިޓްގެ ލެފްޓިނެންޓް ކާނަލްއެއް
ޢުމުރުން 51 އަހަރުގެ ވަލޭރީ އޯނުލްއަކީވެސް އިލްކިޔުވްގެ ފަދަ ސެޕަރ ފުލުހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައިނެއް ގޮވައިގެން ހިނގި ހާދިޘާގައި ވަލޭރީގެ ފައިވެސް ބުރިވިއެވެ. ހާދިޘާ ހިނގި ވަޤުތުވެސް، އަލުން އަނބުރާ ހަމަ އެ ވަޒީފާއަށް ނުކުންނާނެ ކަމުގެ ވަރުގަދަ ޢަޒުމު އޭނާގެ ހިތުގައި އޮތް ކަމަށް ވަލޭރީ ބުންޏެވެ.
އަމިއްލައަށް ހަށިގަނޑު ހިއްލާލާފަ ބަލާލީ ތިރިއަށް، ބެލިއިރު، އަހަރެންގެ އެއް ފައި ނުވެސް ނެތީ. އަނެއް ފައިގެ އިނގިލިތައް ހަލުވާލެވޭތޯ ދެން ބަލާލީ. އެފައި ރަނަގަޅު. އޭރު، އެހެން މީހުން އަތުވެއްޖެ އެހީވާން. އެމީހުން ދިޔައީ އަހަރެން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުން. އަހަރެންވެސް ދިޔައީ ސަލާމަތުން އޮތް ފައިގެ ބޭނުން ކޮށްގެން އެމީހުންނަށް އެހީވަމުން. ތަންކޮޅުކޮޅަށް ހިރިލަމުން ދިޔައީ... އިތުރު މައިނެއް ނުގޮވާ އެ ތަނުން ސަލާމަތްވެވޭތޯ ބެލީ. އެތައް ޚިޔާލެއް އަހަރެންގެ ސިކުނޑީގަ އެނބުރެމުން ދިޔައީ... ސިކުންތަކު ކިތައް ޚިޔާލު ކަމެއްވެސް ނޭނގެ. އެކަމަކު، ވަރަށް އާދަޔާ ޚިލާފު ކަމަކަށް ހިތް އެދެމުން ދިޔައީ އޭރުވެސް. ހޮސްޕިޓަލަށް ގެންގޮސް، އަހަރެން ހޭ އެރުމާއެކު ބޭނުންވީ އަލުން އަނބުރާ ވަޒީފާއަށް ނުކުންނަން.ވަލޭރީ އޯނުލް؛ ޔޫކްރައިން ފުލުހުންގެ އޮފިސަރެއް
ހަނގުރާމަތަކުގައި މައިން ބޭނުން ކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މައްސަލައެކެވެ. މައިން ބޭނުން ކުރުމުގެ ސަބަބުން، ހަނގުރާމައިގެ އެއް ފަރާތަކަށް ދިފާޢީ ރައްކާތެރިކަމެއް ލިބުނު ކަމުގައި ވީ ނަމަވެސް، އެއީ ވަކި މީހަކަށް ބެލުމެއް ނެތި އަނިޔާ ލިބި، ފުރާނަވެސް ގެއްލި ދިއުން ފަދަ ނުރައްކާތެރި ހާދިޘާތައް ހިނގުމަށް މެދުވެރި ކުރުވާ ހަނގުރާމަ މަތީ ހަތިޔާރެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ހަނގުރާމަ ނިމި، ނުވަތަ ހުއްޓާލާތާ އެތައް ދުވަހެއް ނޫނީ އެތައް އަހަރެއް ފަހުންވެސް މައިންތައް ގޮވާ، އެތައް ބައެއްގެ ފުރާނަ ގެއްލިދިއުމުގެ ހާދިޘާތައް ހިނގައެވެ. އެފަދަ ހާދިޘާތަކުގެ ސަބަބުން، ޤައުމުތަކުގެ އިޤްތިޞާދުތަކަށްވެސް ބޮޑެތި ލޮޅުންތައް އަރައެވެ.