ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 23:58
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ދަރިފުޅު ނަގައިގެން ހުރި މަންމައެއް
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ދަރިފުޅު ނަގައިގެން ހުރި މަންމައެއް
ގެޓީ އިމޭޖަސް
އިސްރާއިލުން ފަލަސްތީނަށް ހަމަލާ ދިނުން
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ގެއްލުނު ފުރާނައިގެ އަދަދު 8000 ން މައްޗަށް
އިސްރާއީލުން ވަނީ ޢައްޒާގެ 8005 މީހުން މަރާލާފައި
މި ހަމަލާތަކުގައި ވެސްޓްބޭންކުން 112 މީހަކު ވަނީ މަރާލައިފައި
ޣައްޒާ އަށް ހަމަލާތައް ދޭން ފެށި ފަހުން 1650 މީހުންވަނީ ގެއްލިފައި

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ގެއްލުނު ފުރާނައިގެ އަދަދު 8000 ން މައްޗަށް އަރައިފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި އިސްރާއީލުން ޢައްޒާއަށް ހަމަލާތައް ދެމުން އަންނައިރު ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާގައި ހާމަކޮށްފައިވާ ނަންބަރުތަކުން ދައްކާ ގޮތުގައި މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ 8005 މީހުން މަރާލާފައެވެ. މީގެ ތެރޭގައި 3،324 ކުޑަކުދިންނާއި 2،062 އަންހެނުންނާއި 29 ނޫސްވެރިން ހިމެނެއެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން އަތްގަދަކޮށްފައި އޮތް ފަލަސްތީނުގެ ވެސްޓްބޭންކަށް ވެސް ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި ވެސްޓްބޭންކުން 112 މީހަކު ވަނީ މަރާލާފައެވެ. މީގެ ތެރޭގައި 36 ކުޑަކުދިން ހިމެނެއެވެ.

މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 20،242 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި 6000ށް ވުރެ ގިނަ ކުޑަކުދިންނާއި 4000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި ވެސްޓްބޭންކުން 1900 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާ އަށް ހަމަލާތައް ދޭން ފެށި ފަހުން 1650 މީހުންވަނީ ގެއްލިފައެވެ. މީގެ ތެރޭގައި 940 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުނެއެވެ.

އިސްރާއީލުގެ މި ހަމަލާތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ޤައުމުތަކުގައި ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި ހަމަލާތައް ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރެއްް ވެސް އދ. އިން ވަނީ ފާސްކޮށްފައެވެ. އުރުދުން އިން ހުށަހެޅި މިގަރާރު ފާސްވެފައިވަނީ 120 ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައިވާއިރު އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމު ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް