ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލުން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ހުކުރު ދުވަހުގެ ރޭ އަލް ހިލާލުން އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނީ އެ ޓީމުގެ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ނުލަ އެވެ. އަނިޔާގެ ސަބަބުން ނޭމާ ކުޅުމާ ދުރުގައި ހުރިއިރު، އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ތާރީީީޚެއް ޔަގީނެއް ނުވެ އެވެ. އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ހިލާލް މޮޅުވީ 3-1 އިންނެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސާޖެޖް މިލިންކޮވިޗް ސަވިޗް އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ހިލާލުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޮޅަށް ކުޅެމުން އަންނަ އެލެކްސެންޑާ މިޓްރޮވިޗް އެވެ. ދެ ވަނަ ހާފަށް ނިކުމެ އަލް އަހްލީ ސައުދީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަލާން ސެއިންޓް މެކްސިމިން އެވެ. މެޗުން އަލް ހިލާލަށް ފުރިހަމަ މޮޅެއް ލިބުނީ 84 ވަނަ މިނެޓުގައި އަލް އަހްލީ ސައުދީގެ ރިޖާ އިބާނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.
މޮޅާއެކު އަލް ހިލާލް އެއް ވަނައިގައި އޮތީ ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އަލް ތާވޫނަށް ލިބެނީ 24 ޕޮއިންޓެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު އެެއްވެސް މެޗަކުން އަލް ހިލާލް ބަލިވެފައެއް ނުވެ އެވެ.