ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 13:19
މެންބަރު އަހުމަދު ސަލީމް
މެންބަރު އަހުމަދު ސަލީމް
ރައްޔިތުންގެ މަޖިލިސް
ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކުން ޓެކްސްގެ ލުއިތަކެއް ދިނުމަށް މެންބަރު ސަލީމް ހުށަހަޅުއްވައިފި
 
އެންމެ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ހިސާބުތަކުން ޓެކްސް 10 އަހަރަށް ކަނޑައިލަންޖެހޭ
 
ޑޮމެސްޓިކް އެއާޕޯޓުތައް ހޮޅުވަނީ ފަތުރުވެރިކަމަށް މަގުތަނަވަސް ކޮށްދިނުމަށް ނަމަވެސް އެއާލައިންތަކުގެ އަގުބޮޑު
 
ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ގޮސްފައި އޮތީ މާލެއާއި ކައިރި ސަަރަހައްދުތައް

ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި ސަރަހައްދުތަކުން ޓެކްސްގެ ލުއިތަކެއް ދިނުމަށާއި، އިމްޕޯޓު ޑިއުޓީ 10 އަހަރުގެ މުއްދަތަކަށް މައާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގައި ޖުމްލަ 59896 ފަތުރުވެރިކަމުގެ އެނދު އެބަހުރި ކަމަށާއި، މީގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްގެ ގޮތުގައި 14254 އެނދު ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ 23 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސް އެނދުތައް ކަމަށާއި، 23 އިންސައްތަ އެނދުގެ ތެރެއިން 79 އިންސައްތަ އެނދު ހުރީ މާލެއިން ފުރައިގެން ލޯންޗެއްގައި ގިނަވެގެން ދެ ގަޑިއިރުގެ ރާސްތާއިން ދެވޭ ހިސާބުތަކުގައި ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ. އެއީ ކ، އއ، އދ، އަދި ވ އަތޮޅުކަން މެންބަރު ސަލީމް ފާހަގަކުރެއްވިއެވެ.

މެންބަރު ސަލީމް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ގޮސްފައި އޮތީ މާލެއާއި ކައިރި ސަަރަހައްދުތައް ކަމަށާއި، ރާއްޖޭގެ ރިސޯޓުތަކުން ވެސް ތޮއްޖެހިފައިވަނީ މާލެ ސަރަހައްދުގައި ހުރި ރިސޯޓުތައް ކަމަށެވެ. މިހެންމިކަން ދިމާވާން މެދުވެރިވާ ސަބަބުތަކަށް އިޝާރާތް ކުރައްވައި މެންބަރު ސަލީމް ވިދާޅުވީ ދަތުރުފަތުގެ އަގު ބޮޑުވުމުން އެސަރަހައްދުތަކަށް ފަތުރުވެރިން ދިއުމަށް ފަސްޖެހޭ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވަނީ ފަތުރުވެރިކަމަށް މަގުތަނަވަސް ކޮށްދިނުމަށް ކަމަށާއި، ނަމަވެސް އެއާލައިންގެ ދަތުރުގެ އަގު ކުޑަނުވާނަމަ އެސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއަރައިގެން ހިނގައިދާނެކަމާއިމެދު މެންބަރު ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ހިސާބުތަކުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަފެނޭ 174 ރިސޯޓުގެ ތެރެއިން ހއ.އަތޮޅުގައި އޮތީ އެންމެ ދެ ރިސޯޓު. ހދ.އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ށ.އަތޮޅުގައި އޮތީ ދެ ރިސޯޓު. ގެސްޓުހައުސްގެ އެނދަށް ބަލާއިރު، ހއ، ހދ، ށ، އަތޮޅުގައި ހުރީ މުޅި ޖުމްލަ ގެސްޓްހައުސްގެ ޖުމްލަ އެންމެ 3 އިންސައްތަ. އަޅުގަނޑު ނިސްބަތްވާ ހއ އަތޮޅުގައި ހުރީ ގެސްޓްހައުސްގެ އެންމެ ޕަސެންޓެއް. މިދެންނެވީ އެނދުގެ އެންމެ ޕަސެންޓެއް. 50 އަހަރު ޓޫރިޒަމަށް ވެގެންދިޔައިރުގައި މިހާލަތު މިހެން އޮތީ ކީއްވެގެންކަން އަޅުގަނޑުމެން ވިސްނަންޖެހޭ. ތަޖުރިބާކާރުންގެ ނަޒަރުގައި ދިމާވެގެން މިއުޅެނީ ދެމައްސަލައެއް. ފުރަތަމަ މައްސަލައަކީ ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވުން. ފަތުރުވެރިއަކު މާލެއިން ހޯރަފުށީ އެއާޕޯޓަށް ފްލައިޓެއްގައި ދަނީކަމަށްވަނީނަމަ އެންމެ އަގުހެޔޮ އެއާލައިނުން އެއީ 400 ޑޮލަރު ޓޫރިސްޓަކު ދައްކަންޖެހޭ. މަންތާއިން ދަތުރުކުރާނަމަ އެއީ 500 ޑޮލަރު. މާލެއިން މެލޭޝިއާ ރިޓާން ޓިކެޓް 450 ޑޮލަރު. އިންޑިއާ މާލެއިން ރިޓާން ޓިކެޓް އަދި މާ އަގުހެޔޮ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ޓެކްސްގެ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު ސަލީމް ވިދާޅުވީ މާލެ ސަރަހައްދާ އެއްވަރަށް ދުރު ހިސާބުތަކުން ޓެކްސް ދައްކަން ޖެހުމުން ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އިންވެސްޓަރުން ޝައުގުވެރިނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި އެންމެ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ހިސާބުތަކުން އިމްޕޯޓު ޑިއުޓީ 10 އަހަރަށް ކަނޑާލަންޖެހޭ ކަމަށެވެ. އަދި، އެ މުއްދަތުގައި ފަތުރުވެރިކަމުގެ އެހެން ޓެކްސްތަކުން ވެސް އެ ސަރަހައްދުތަކުގެ ރިސޯޓުތަކަށް 50 އިންސައްތައިގެ ލުޔެއް ދިނުމަށް މެންބަރު ސަލީމް ހުށަހެޅުއްވިއެވެ.

ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ހޯދިކަމުގައި ވިޔަސް އެރަށެއް ތަރައްގީކުރުމުގެ އަގު އިންތިހާއަށް ބޮޑުވެގެންދާތީ 13، 14، 15، 16 އަހަރު ވެގެން ދާއިރު ނެހެދި ހުރި ކިތަންމެ ރަށެއް ރާއްޖޭގެ ސަރަހައްދުތަކުގައި އެބަހުރި. އެހެންވީމަ އަޅުގަނޑު ހިތަށް އަރާ މިހުރިހާ ޓެކްސްތަކާއި، އޮޑިދޯނިފަހަރު ނާލާ، އެއްގަމުއުޅަނދުފަހަރުގެ ނާލު ލީމަ މާލޭގައި 10 ރުފިޔާއަށް ވިއްކާ ކޯކުފުޅިއެއް ކެލާގެ ގެސްޓްހައުސްގައި 10 ރުފިޔާއަށް ވިއްކާނީ ކިހިނެތްތޯ. އެއީ ވަރަށް އާދައިގެ ސުވާލެއް. މިގާނޫނަށް ވާހަކަދައްކަމުންދާއިރު، ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީ ވެފައި ހުރި އެންމެ އުތުރުގެ އަތޮޅުތަކަށް ށ އިން އުތުރު އަދި ދެކުނުން ފަށާފިއްޔާ ހުވަދުއަތޮޅުން ފެށިގެން ދެކުނު. އެސަރަހައްދުތަކަށް ޓެކްސްގެ ޚާއްސަ ލުއިތަކެއް ދޭންޖެހޭ. އަޅުގަނޑުގެ ހުށަހެޅުމަކީ މިދެންނެވި ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ފަސޭހަކޮށްދިނުމަށް ލުއިދިނުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގޮތުން ޑިއުޓީ މައާފް ކުރާ 10 އަހަރުގެ މުއްދަތެއް ކަނޑައެޅުމަށް އަދި މިއާއެކު މިދެންނެވި 10 އަހަރުގެ މުއްދަތުގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ނެގޭ އެކިއެކި ޓެކްސްތަކުގެ ތެރެއިން 50 ޕަސެންޓް ލުއިކޮށްދެއްވުމަށް.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މެންބަރު ސަލީމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ބައެއް ސަރަހައްދުތައް ވަކި ކަންކަމަށް އިގްތިސާދީ ގޮތުން ތަރައްގީ ގެނައުމަށް އެ ވިސްނުމުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، ޓެކްސްއަށް ލުއި ދީފައިވާ ކަމަށެވެ. މެންބަރު ސަލީމްގެ މިހުށަހެޅުއްވުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި އެހެން މެންބަރުން ވެސް ވަނީ ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް