ހުޅުމާލެ ނެއިބާހުޑްތަކުން ދިރިއުޅުމަށް ދޫކުރާ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަ ބޭނުންކުރާނެ ގޮތުގެ އުސޫލު އާބަންކޯއިން އާއްމުކޮށްފިއެވެ.
ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް، ލޭންޑްސްކޭޕް ޑިޒައިނިންގ ގެ އެސިސްޓަންޓް ޑައިރެކްޓަރު އަބްދުﷲ ފިރާގު ވިދާޅުވީ ހުޅުމާލެ ފޭސް-1 އަދި ފޭސް-2 ގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ވަށައިގެން ހުންނަ ހުސްޖާގަތައް ބޭނުންކުރެވެމުން ދަނީ ވަކި ޚާއްސަ އުސޫލެއް ނެތި ކަމަށެވެ. ނަމަވެސް އާބަންކޯގެ ފަރާތުން މިހާރު މި ހުސްޖާގަތައް ބޭނުން ކުރެވޭނެ ވަކި އުސޫލެއް ކަނޑައެޅި އުސޫލު އާއްމުކުރެވިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ މިހުސް ޖާގަތަކުގައި ބޮޑެތި ގަސްތައް އިންދާފައި އެބަހުރި ކަމަށާއި، އެކަމުގެ ސަބަބުން ބިލްޑިންތަކަށް ގެއްލުންވެ އަދި ބިލްޑިންގ މެއިންޓަނަސް ޓީމަށް ބޮޑެތި އުދަނގޫތައް ކުރިމަތިވާ ކަމަށެވެ.
ބޮޑެތި ވެހިކަލްތަކާއި ހަތަރު ފުރޮޅުލީ ވެހިކަލްތަކާއި ސައިކަލު އެއްޗެހި އެކި ގޮތްގޮތަށް އެބަހުރި ޕާކުކުރެވިފައި. މިގަސްތަކުގެ ސަބަބުން ބިލްޑިންގ މެއިންޓަނަސް ޓީމަށް ވެސް ވަރަށް ބޮޑެތި ޗެލެންޖް ތަކެއް އެބައާދޭ. މިގަސްތަކުގެ މޫތައް ފްލެޓް އިމާރާތްތަކުގެ ޖަންގްޝަނަށް ވަނުމާއި، އެކަހަލަ އެކި އުދަނގޫތައް އެބަ ދިމާވޭ. އެހެންކަމުން އަޅުގަނޑުމެންގެ މި އައު އުސޫލުގެ ސަބަބުން ނަގަންޖެހޭ ވަކި ގަސްތަކެއް ނެގިގެންދާނެ. ނަމަވެސް މިގަސްތައް އެގަހުގެ ވެރިފަރާތުގެ ރުހުމާއެކު އަޅުގަނޑުމެން ހުޅުމާލެ ތެރޭގައި މިހުންނަ ގްރީން ސްޕޭސް ކޮންމެސް ކަހަލަ ޕާކެއްގައި އެގަސް އަލުން އިންދައިދޭވޭނެ. އެއުސޫލުގެ ދަށުން ޕާކު ކުރުމަށް ވަކި ޚާއްސަ ޖާގަތަކެއް ކަނޑައެޅި، ހުސްޖާގަތަކަށް ވަންނަން މިއޮންނަ މަގު ބޮލާޑު ޖެހި، ވެހިކަލަށް ނުވަދެވޭ ގޮތަށް ބަންދުކުރެވިގެންދާނެ. އެ ކޮމިއުނިޓީއެއްގައި އުޅޭ ބޭފުޅުން އަޅުގަނޑުމެންނަށް ޕްރޮޕޯޒަލެއް ލާންވީ ގައިޑްލައިންގައި ހިމަނާފައި ހުރި ކަންތައްތަކުގެ ތެރެއިން ކޮންމެވެސް ކަމެއް އެބޭފުޅުން އިސްނަގައިގެން ކުރުމަށް. ކުޑަކުދިން ކުޅެލާ ފޭސްއަކަށް ހެދުމަށް ނޫނީ އަވައްޓެރިން އެއްވެލާ އިށީންދެލާ ހަދާ ޖޯލިތަކެއް ބަހައްޓާލާ ނޫނީ ގަސްޕޮޓު ނޫނީ ފޮށިގަނޑު އެއްޗެހީގައި ގަސްއިންދާ ހައްދާ އޭރިއާއަކަށް ވެސް އެބޭފުޅުން ބޭނުންވާ ގޮތަކަށް ހުރިހާ ބޭފުޅުން އެއްވެގެން ޕްރޮޕޯޒަލެއް ހުށަހެޅިދާނެ މިޖާގަ ބޭނުންކުރުމަށް.އެސިސްޓަންޓް ޑައިރެކްޓަރު އަބްދުﷲ ފިރާގު
ފިރާގު ވިދާޅުވީ ވެލިގަނޑުގައި ވެސް އިންދޭނެ ބައެއް ކަހަލަ ގަސްތައް ގައިޑްލައިންގައި ލިސްޓް ކުރެވިފައިވާނެ ކަމަށާއި، އެގަސްތަކުގެ ތެރެއިން ކޮންމެ ވައްތަރެއްގެ ގަހެއް އިންދުމުގެ ހުއްދަ އާއްމު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ހަމައެއާއެކު މި ޕްރޮޖެކްޓްގެ ދަށުން އާއްމުންގެ ޕްރޮޕޯޒަލްއާއެކު ހުށަހެޅޭ ކަންތައްތަކުގެ ތެރެއިން ވަކި ލިމިޓޭޝަނެއް އެބައިން ކުރެވޭނެ ކަންތައްތައް ވެސް. މިހާރު މިގައިޑްލައިން އާއްމުންނަށް އިއުލާން ކުރުމަށްފަހު އާބަންކޯގެ ފަރާތުން މިގައިޑްލައިނަށް އަމަލީ މަސައްކަތް ފަށާފައި މިވަނީ.އެސިސްޓަންޓް ޑައިރެކްޓަރު އަބްދުﷲ ފިރާގު
ފިރާގު ވިދާޅުވީ ފްލެޓް ނަންބަރު 108 އަދި 109 ހިމެނޭ ސަރަހައްދުގައި ގައިޑްލައިނަށް އަމަލު ކުރުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓު ފަށާފައިވާ ކަަމަށެވެ. މި ޕައިލެޓް ޕްރޮޖެކްޓް ނިންމުމަށްފަހު ހުޅުމާލެ ފޭސް-1 އަދި ފޭސް-2 ގައި ފްލެޓް ހުރި ހުރިހާ ސަރަހައްދުގައި ވެސް މި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.