ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 18:58
އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގައި ހަމާސްއިން ފަހަތަކަށް ނުޖެހޭ
އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގައި ހަމާސްއިން ފަހަތަކަށް ނުޖެހޭ
ރޮއިޓާސް
ހަމާސްގެ ޑްރޯން ހަމަލާއެއް އިޒްރޭލަށް
އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ހަމާސްގެ ޑްރޯން ހަމަލާއެއް ފޮނުވާލައިފި
މި ހަމަލާގެ އަމާޒުފަތްގަނޑަކީ ހަތުސެރީމް ބޭސްގައި ތިބި އިޒްރޭލުގެ 107 ވަނަ ސްކޮޑްރަންގެ ސިފައިން ކަމަށްވެސް ގައްސާމުން ބުނޭ

އިޒްރޭލް ސިފައިންގެ އަސްކަރީ ބޭހަކަށް އަމާޒުކޮށް، ހަމާސްގެ ޑްރޯން ހަމަލާއެއް ފޮނުވާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލުން ހިންގަމުންދާ އުދުވާނީ ޖަރީމާތަކުގެ ރައްދުގައި، ޣައްޒާގެ ވެރިކަންކުރާ ހަމާސްގެ އަސްކަރީ ގޮފި ކަތާއިބުލް ގައްސާމުން ފޮނުވާލި ހަމަލާއަކީ، އިޒްރޭލްގެ ހަތުސެރިމް އެއާބޭސްއަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާއެއް ކަމަށް، އެޖަމާއަތާ ހަވާލާދީ މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

ކަތާއިބުލް ގައްސާމުން ބުނެފައިވަނީ، އިޒްރޭލަށް އަމާޒުކޮށް މުޖާހިދުން ފޮނުވާލި ޑްރޯން ހަމަލާއަކީ، އަމިއްލައަށް ގޮވާ ބާވަތުގެ ދެ ޑްރޯނެއް ކަމަށެވެ. އެއިން އެއް ޑްރޯނު އަމާޒުކުރީ އިޒްރޭލުގެ ހަތުސެރިމް އެއާބޭސްއަށް ކަމަށްވެސް ގައްސާމުން ބުނެއެވެ.

މި ހަމަލާގެ އަމާޒުފަތްގަނޑަކީ ހަތުސެރީމް ބޭހުގައި ތިބި އިޒްރޭލުގެ 107 ވަނަ ސްކޮޑްރަންގެ ސިފައިން ކަމަށްވެސް ގައްސާމުން ބުނެފައިވެއެވެ. އޮރެންޖް ޓެއިލް ނައިޓްސްގެ ނަމުން ނަންދީފައިވާ މި ސްކޮޑްރަންއަކީ އިޒްރޭލްގެ ވައިގެ ސިފައިންގެ ޚާއްސަ ސްކޮޑްރަންއެކެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ފެށި "އަގްސާ ތޫފާން"އާ އެކު އިޒްރޭލުން ޣައްޒާގައި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، މިމަހުގެ 10 ވަނަ ދުވަހު ގައްސާމް ބްރިގޭޑްސްއިން ވަނީ އެ ޖަމާއަތުގެ އުފެއްދުމެއްކަމަށްވާ "އައްޔާޝް 250" މަރުކާގެ ރޮކެޓުތައް ބޭނުންކޮށްގެން މި އެއާބޭހަށް ހަމަލާދީފައެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހަމާސްއިން ވެސް އަންނަނީ ހުއްޓުމެއްނެތި އިޒްރޭލާ ހަނގުރާމަކުރަން ތައްޔާރުވަމުންނެވެ. އިޒްރޭލުން ބުނެފައިވަނީ މިފަހަރު ހަނގުރާމަ ނިންމާނީ ހަމާސްގެ ވަސްވެސް ފޮހެލުމަށްފަހު ކަމަށެވެ.

ވަރަށް އަވަހަށް އެއްގަމު މަގުން ޣައްޒާއަށް އަރަނާނެކަން އިޒްރޭލުން އިއުލާނުކުރިއިރު، ހަނގުރާމައަށް 2 ހަފުތާއެއްހާ ދުވަސް ފާއިތުވީއިރު އިޒްރޭލްގެ އަސްކަރީ ބާރުތައް އެއްގަމު މަގުން ޣައްޒާއަށް އަރާފައެއް ނުވެއެވެ.

- ކޮމެންޓް