އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އ.ދ ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދެން ނިންމައިފިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން މެދު ނުކެނޑި ދެމުންގެންދާ ހަމަލާތައް މިހާރު ހައްދު ފަހަނައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖެ އިން މިހާރު ވަނީ އާއްމު މަޖިލީހުގެ 10 ވަނަ އިމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ޝާހިދު ވިދާޅުވީ އ.ދ ގެ އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ރާއްޖެއިން ހުށަހަޅާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ މަތިން ކަމަށެވެ.
އަދި އެ ހުށަހެޅުން ހުށަހެޅީ އެހެން ގައުމުތަކާއި ގުޅިގެންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެކުގައި ކަމަށާއި ފަލަސްތީނުގެ ހައްގުތައް ކަށަވެރުކުރުމަށް ގޮވާލާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވުންތައް ބާއްވަނީ މައްސަލައަކާއި ގުޅޭގޮތުން ސަލާމަތީ މަޖިލީސް މެދުވެރިކޮށް ގޮތެއް ނުނިންމުމުންނެވެ. ވަކިން ހާއްސަކޮށް ގައުމުތަކުގެ އަމާން ކަމާއި ސުލްހަ މަސަލަސްތަކާއި ގުޅުން ހުރި މައްސަލަތަކުގައި ގޮތް ނިންމަން ސަލާމަތީ މަޖިލީހުން ނުކެޅެދުމުން، އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ އިހްތިޔާރު ވަނީ ލިބިދީފައެވެ.
އެ ބާރު ލިބިދީފައި ވަނީ އދގެ 377 ވަނަ ގަރާރުގެ ދަށުންނެވެ. އެގޮތުން މިހާތަނަށް 11 މައްސަލައަކާއި ގުޅިގެން އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުންތައް ވަނީ ބާއްވާފައެވެ. ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަކީ މިފަދަ 10 ވަނަ މައްސަލައެވެ. އަދި އެ މައްސަލައިގައި އެންމެފަހުން އާއްމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވާފައި ވަނީ 2013 ވަނަ އަހަރުއެވެ.