Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 13:28
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
ފޮރިން އިންވެސްޓްމަންޓްގެ ބިލް
ފޮރިން އިންވެސްޓްމަންޓުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
މި ބިލް ހުށަހަޅާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން
މަޖިލީހުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި

ފޮރިން އިންވެސްޓްމަންޓްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މި ބިލް ހުށަހަޅާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނެވެ. އަދި މަޖިލީހުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ޚާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައް ބަޔާންކުރުމެވެ. އަދި ވިޔަފާރި ކުރުމަސް ނުވާގޮތުން ދިވެހިރާއްޖޭގައު ހިންގާ ޕްރޮޖެކްޓްތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ފަރާތްތަކުން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑައެޅުމަސް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރުމެވެ.

މި ބިލުގައި ބުނެފައިވަނީ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދައި އިތުރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެކުލަވާލައި، އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމުގެ މަސްއޫލިޔަތު އަދާކުރާނީ މިނިސްޓްރީންކަމަށެވެ. އަދި އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުތުތަކެއް ފުރިހަމަވެގެން މެނުވީ އިންވެސްޓްނުކުރެވޭނެ ދާއިރާތައް މިނިސްޓަރު ކަނޑައަޅައި ގެޒެޓް ކުރަންވާނެ ކަމަށާއި ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރުމަށް އެދޭ ފަރާތްތަކުން އިންވެސްޓްކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީއަށް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

Advertisement

ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ މިގާނޫނުގައިވާ ގޮތުގެ މަތިން އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، ގާނޫނުގެ ދަށުން ދޫކުރާ ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.

މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ލައިސަންސް ލިބިގެން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފޮރިން އިންވެސްޓަކާއި މިނިސްޓްރީއާއި ދެމެދު އިންވެސްޓްމަންޓް އެގްރީމެންޓެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިބިލުގައި ބުނެފައިވަނީ މިގާނޫނުގެ ދަށުން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ލައިސެންސްގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް ހިންގުން ނުވަތަ މިގާނޫނުގެ ދަށުން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ދަށުން ހިންގާ ވިޔަފާރި މި ގާނޫނާއި މިގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ހިންގާފިނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް