ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 05:49
ސްޕެނިޝް ލީގުގައި ޖިރޯނާ އިން ކުޅުނު މެޗުގެ ތެރެއިިން
ސްޕެނިޝް ލީގުގައި ޖިރޯނާ އިން ކުޅުނު މެޗުގެ ތެރެއިިން
ރޮއިޓަސް
ސްޕެނިޝް ލީގު
މޮޅާއެކު ޖިރޯނާ އިން ރެއާލް އާ އަރާ ހަމަކޮށްފި
ޖިރޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ފަހަތުން އަރައި، 5-2 އިން

ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖިރޯނާ އިން އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑާ އަރާ ހަމަކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޖިރޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ފަހަތުން އަރައި، 5-2 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ވެސް އަލްމޭރިއާ އިންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިއޯ ބަޕިސްޓާއޯ އެވެ. އޭގެ ފަހުން 24 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، އަލްމޭރިއާ އަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާ އިން ވަނީ ތިން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ އިވާން މާޓިން އެވެ. ދެ ވަނަ ލަނޑާއި، ތިން ވަނަ ލަނޑު ޖެހީ އާޓެމް ޑޮބީކް އެވެ. އެއީ 39 ވަނަ މިނެޓާއި، 43 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. ޖިރޯނާގެ ފަހު ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ސާވިއޯ އެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު ކްރިސްތިއަން ތުއާނީ ޖެހީ 85 ވަނަ މިނެޓުގަ އެވެ.

މޮޅާއެކު ޖިރޯނާ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 10 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ލިބެނީ 25 ޕޮއިންޓެވެ. ނަމަވެސް ރެއާލް ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

- ކޮމެންޓް