ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 21:06
ފަލަސްތީނުގެ ނަރުހަކު އަލަށް އުފަންވި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ
ފަލަސްތީނުގެ ނަރުހަކު އަލަށް އުފަންވި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ
ޣައްޒާގައި އަލަށް އުފަންވާ ކުދިންނަށް ނުރައްކާ
ޣައްޒާގައި އަލަށް އުފަންވި 100ށް ވުރެ ގިނަ ކުދިންގެ ފުރާނަ ނުރައްކަލެއްގައި: އދ
ޣާއްޒާގައި އަލަށް އުފަންވާ ކުދިންނަށް ނުރައްކާ ވެފައި ވަނީ ހޮސްޕިޓަލްތަކުގައި ކަރަންޓް އުފެއްދޭވަރަށް ޣައްޒާއަށް ތެޔޮ ނުލިބުމުގެ ސަބަބުން

ފަލަސްތީނުގެ ޣައްޒާއަށް ތެޔޮ އެތެރެކުރުން އިޒްރޭލުން މަނާކުރުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުގައި އަލަށް އުފަންވި 100ށް ވުރެ ގިނަ ކުދިންގެ ފުރާނަ ނުރައްކަލެއްގައި ވާކަމަށް އދ. އިން ބުނެފިއެވެ.

ޣައްޒާއަށް ތެޔޮ އެތެރެކުރުން އިޒްރޭލުން މަނާކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.  

ޔުނިސެފްގެ ތަރުޖަމާނު ޖޮނަތަން ކްރިކްސް ވިދާޅުވީ އިންކިއުބޭޓަރުގައި މިވަގުތު 120 ކުދިން އެބަތިބި ކަމަށާއި އޭގެ ތެރެއިން މެކޭނިކަލް ވެންޓިލޭޝަން ގައި 70 ކުދިން އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 160 އަންހެނުން ވިހާތީ ޣައްޒާގެ ސިއްހީ ނިޒާމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި ކަމަށް އދ.ގެ އާބާދީ ފަންޑުން ބުނެއެވެ. އެ ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ސަރަހައްދުގައި ގާތްގަނޑަކަށް 50،000 މާބަނޑު އަންހެނުން އެބަތިއްބެވެ.

މިދިޔަ ހޮނިހިރު ދުވަހު، ރަފާހް ކްރޮސިން މެދުވެރިކޮށް 20 ޓްރަކަކުން ޣައްޒާއަށް އިންސާނީ އެހީގެ މަދު އަދަދެއް ވަދެފައިވާއިރު، ހޮސްޕިޓަލްތައް ހިންގުމަށާއި ޒަރޫރީ އެކި ހިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ތެލާއި ކަރަންޓު ފޯރުކޮށްދިނުމަށް އިސްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާއަށް ފަހު ހޮސްޕިޓަލުތަކަށް ބޭހާއި ތެލާއި ފެނުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. މި ދަތިކަމުގެ އަސަރު ކުރަނީ ހަމައެކަނި އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ޒަހަމްވި އެތައް ހާސް ބަޔަކަށް އެކަންޏެއް ނޫނެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވަކިން ހާއްސަކޮށް ޣައްޒާގެ ހަތް ސްޕެޝަލިސްޓް ވޯޑުގައި ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ހިދުމަތް ދޭނެ ކަރަންޓު ނުލިބުމެވެ. ހާއްސަކޮށް އެ ކުދިންގެ ގުނަވަންތައް ފުރިހަމައަށް ތަރައްގީ ނުވާ ހާލަތްތަކުގައި މި ތުއްތު ކުދިންނަށް ނޭވާލުމަށް އެހީތެރިވެދިނުމާއި ކްރިޓިކަލް ސަޕޯޓް ފޯރުކޮށްދިނުމުގައި މި ވޯޑުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ވޯޑް ތަކެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން މި ޙާލަތުން ހާމަވެގެންދާއިރު، ތެޔޮ ކަނޑާލުމާއި، ޣައްޒާ އެއްކޮށް ފުރަބަންދު ކުރުމުގެ ސަބަބުން އަލަށް އުފަންވާ ކުދިންނާއި އެހެނިހެން ނާޒުކު އާބާދީތަކުގައި އިންތިހާއަށް މިވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް