Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 16:09
ޑރ. މުހައްމަދު މުއިއްޒު، ޖީއެމް ފޯރަމުގައި ވާހަކަފުޅުދައްކަވަނީ
ޑރ. މުހައްމަދު މުއިއްޒު، ޖީއެމް ފޯރަމުގައި ވާހަކަފުޅުދައްކަވަނީ
ހޮޓެލިއަރ މޯލްޑިވްސް
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު
ފަތުރުވެރިކަމުގެ ދުނިޔޭގެ ލީޑަރުންނަކީ ދިވެހިން، އެ މަގާމު ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: މުއިއްޒު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިޔަށް ގެންދަންޖެހޭ ކަމަށް ވިދާޅުވި
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ޑރ. މުއިއްޒު ފާހަގަކުރެއްވި

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ހިފަހައްޓަމުން އަންނަ ލީޑަރޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބުރާސްފަތި ދުވަހު ފެށި، ޖެނެރަލް މެނޭޖަރުންގެ މިއަހަރުގެ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވަނީ، ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރައިދިއުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ލީޑަރުންގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ ގިނަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިހާރު ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުމަށް އެންމެ ބޭނުންތެރި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިޔަށް ގެންގޮސް، 2024 ވަނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެއަރޕޯޓުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވައި، ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދާ ގޮތް ފުޅާކޮށް، އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ސިނާއަތަކަށް ހެއްދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

އެގޮތުން، އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި، މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި، މުވައްޒަފުންގެ އާއިލާތަކާއެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ މުސްތަގުބަލު ދިވެހިރާއްޖޭގެ މުސްތަގުބަލާ ގުޅިލާމެހިފައިވާ ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަދު 2 މިލިއަނަކާ ގާތްކޮށްފައިވާއިރު، މި ކާމިޔާބަށް ވާސިލުވުމުގެ ހިއްސާދާރުން ކަމުގައިވާ، ފަތުރުވެރިކަމުގެ ދާއިރާގެ ޕައިނިއަރުންނާއި، ވުނޭރުންނާއި، އިސް ހިންގުންތެރިންނާއި، އަދި މަސައްކަތްތެރި މުވައްޒަފުންގެ ގުރުބާނީ ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް މުއިއްޒު ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ވެވަޑައިގެންނެވި ވައުދުފުޅުތައް ތަކުރާރުކުރެއްވިއެވެ.

ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް ނުވަތަ ޖެނެރަލް މެނޭޖަރުންގެ ފޯރަމުގެ މި އަހަރުގެ ފޯރަމުގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓާތަކުން 100އަށްވުރެ ގިނަ ހޮޓެލިއަރުން ބައިވެރިވެއެވެ. މިއަހަރުގެ ފޯރަމަކީ ހޮސްޕިޓާލިޓީ ދާއިރާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ؛ އުރީދޫ މޯލްޑިވްސް، ފިއުލް ސަޕްލައިސް މޯލްޑިވްސް، ފާ ހޮރައިޒަން، ބެސްޓްބައި މޯލްޑިވްސް، މަންޓާ އެއަރ، ކޮކާކޯލާ މޯލްޑިވްސް، އާލިއާ އިންވެސްޓްމަންޓްސް، ވިލާ ހަކަތަ ސްވިމްސޯލް، ސްވެނިއާ މެރިން، ޕްރިންޓް ލެބް ކްރިއޭޓިވް ފަދަ ކުންފުނިތަކުން ސްޕޮންސަރ ކޮށްފައިވާ ފޯރަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް