އިޒްރޭލުން ފޮނުވާލި މިސައިލްތަކެއް ލުބުނާނުގެ ދެކުނުގެ ބޯޑަރު ސަރަހައްދަށް އަރައި، އެހިސާބުގައި ހަރަކާތްތެރިވަމުންދިޔަ ރޮއިޓާސްގެ ވީޑިއޯ ޖާނަލިސްޓަކު މަރުވެ، އިތުރު ބައެއް ނޫސްވެރިންނަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއާއި ލުބުނާނުގެ ލަޝްކަރު ހިޒްބުﷲއާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ސަރަހައްދެއް ކަމަށްވާ، އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ އަލްމާ އަލް ޝާބް ކައިރީގައެވެ.
އަނިޔާވި ނޫސްވެރިންގެ ގްރޫޕުގައި، އަލްޖަޒީރާއާއި އެޖެންސް ފްރާންސް-ޕްރެސްގެ ބައެއް ޖާނަލިސްޓުން ހިމެނޭކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީއާއި، ހިޒްބުﷲގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަނީ މިހާދިސާގެ ޒިންމާ އިޒްރޭލަށް އަމާޒުކުރައްވާފައެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން މިކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވިނަމަވެސް، އިސްރާއީލުގެ އދ.ގެ މަންދޫބު ގިލާޑް އެރްދާން ވަނީ އެކަމާ ހިތާމަ ފާޅުކުރައްވައި، ޔަގީނުންވެސް، އެއްވެސް ނޫސްވެރިއަކަށް ހަމަލާއެއް ދޭން ނުވަތަ މަރާލަން ނުވަތަ ބަޑިޖަހަން އިޒްރޭލުން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ ހާލަތެއްގަ. އެފަދަ ކަންތައްތައް ވެދާނެ.އިސްރާއީލުގެ، އދ.ގެ މަންދޫބު ގިލާޑް އެރްދާން
އިޒްރޭލުން ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވައުދުވެފައެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވާގޮތުގައި އެ މީހުންގެ ވީޑިއޯގްރާފަރު އީސާމް އަބްދުﷲ މަރާލާފައިވަނީ ބްރޯޑްކާސްޓަރުންނަށް ލައިވް ވީޑިއޯ ސިގްނަލް ދެމުން ދަނިކޮށެވެ. ރޮއިޓާސްއިން ދަނީ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އީސާމްގެ އާއިލާއަށާއި އެކުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ރޮއިޓާސްއިން ބުނެއެވެ.
މި ހާދިސާގައި ރޮއިޓާސްގެ އިތުރު ދެ ނޫސްވެރިން ކަމަށްވާ ތޭރް އަލް ސޫދާނީއާއި މަހެރް ނަޒީހު ޒަޚަމްވެ، ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.
މި މިސައިލްތަކަކީ އިޒްރޭލުގެ މިސައިލްތަކެއް ކަމަށް ބައެއް ނޫސްތަކުން ބުނަމުން ދިޔަނަމަވެސް ރޮއިޓާސްއަށް އެ މިސައިލްތަކުގެ އަސްލު ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ. އޭޖެންސް ފްރާންސް-ޕްރެސްއިން ރިޕޯޓްކޮށްފައި ވާގޮތުގައި، މި ހަމަލާގައި އެ ގައުމުގެ ދެ ނޫސްވެރިޔަކަށްވެސް ވަނީ އަނިޔާވެފައެވެ.
އަލްޖަޒީރާއިން ވަނީ އެކަމުގެ ޒިންމާ އިސްރާއީލުގެ ބޮލުގައި އަޅުވައި، މިކަމުގައި ޒިންމާވާންޖެހޭ އެންމެން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، އެ މީހުންގެ ޓީމަކީ ނޫސްވެރިންގެ ގޮތުގައި ވަރަށް ސާފުކޮށް ފާހަގަކުރެވޭ ޓީމެއް ކަމަށް ބުނެފައެވެ.
ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އަބްދުﷲގެ މަންމަ ފާތިމާ ކަންސޯ ވަނީ އިޒްރޭލުން އޭނާގެ ދަރިފުޅު މަރާލީ ގަސްދުގައި ކަމަށް ތުހުމަތުކޮށް، އެ އެންމެން ވެސް ތިބީ ނޫސްވެރިކަމުގެ ކާޑު އަޅައިގެން ކަމަށާއި، ސާފުކޮށް "ޕްރެސް" ފެންނަން ހުރިކަމަށް ބުނެފައެވެ.
ލުބުނާނުގައި ހުންނަ އދ.ގެ އިންތިގާލީ ފައުޖުން ވަނީ ބަޑީގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެ ހާދިސާއާމެދު ހިތާމަފާޅުކޮށް، އެކަމުގެ ސަބަބުން އިތުރަށް ހަމަނުޖެހުން އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ.