ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 18:25
ޕީޕީއެމް/ޕީއެންސީއާ ވާގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ
ޕީޕީއެމް/ޕީއެންސީއާ ވާގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ
މިހާރު
ޕީޕީއެމް/ޕީއެންސީ
"ވެރިކަން ހަވާލުކުރީ ޕީއެންސީގެ ކެންޑިޑޭޓާ"، ޔާމީނަށް އަބްދުއްރަހީމްގެ ނުސީދާ ރައްދެއް؟
 
މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް ވިދާޅުވި
 
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ހޮވީ "ޕީއެންސީގެ ކެންޑިޑޭޓް" ކަމަށް

ޕީޕީއެމްގެ ތެރެއިން ޕީއެންސީ އުފަންވެގެން އައި ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ޕީޕީއެމްއަކީ މައި ޕާޓީއެވެ. ޕީއެންސީގެ ނަމެއް އެއްވެސް އިރެއްގައި ވަކިން ބޭނުމެއް ނުކުރެއެވެ. ބޭނުން ކުރަމުން އައީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނެއްގެ ނަމެވެ. ދެ ޕާޓީން ހުރިހާ ކަމެއް ވެސް ކުރަމުން އައީ ގުޅިގެންނެވެ. ބަޔާނެއް ނެރުނަސް އެކުގައެވެ. ނަމަވެސް އެ އެކުވެރިކަމުގައި އޭރުވެސް ރެނދުލާން ފަށާފައިވާކަން މިއަދު މިދަނީ ހާމަވަމުންނެވެ. ޕީއެންސީގެ ކެންޑިޑޭޓް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއެކު އެ ޕާޓީ "މިނިވަން" ވި ކަހަލައެވެ.

ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވިއިރު މުޅި ކެމްޕޭން ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން "އެންޑޯޒް ކުރެއްވި ކެންޑިޑޭޓް" ގެ ގޮތުގައެވެ. މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓުގެ ޕޯސްޓަރުތަކުގައި ވެސް އެންމެ ކުރިން ފެންނަން ހުރީ ޔާމީނެވެ. އެހެންވެ، ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭގޮތުގައި މުއިއްޒުގެ ވެރިކަމަކީ ޔާމީންގެ ވެރިކަމެކެވެ. ދިވެހިން ވޯޓު ދިނީ ޔާމީނަށެވެ. މުއިއްޒު ވެރިކަން ކުރަންވާނީ ޔާމީނުގެލަފާފުޅާ އެއްގޮތައް ކަމަށް ވެސް ގަބޫލުކުރެއެވެ. ނަމަވެސް މުއިއްޒު، އަދި ޕީއެންސީން ވެސް ބޭނުންވަނީ އަމިއްލަ ބާރު އޮތް ވެރިކަމެއް ކަމާމެދު ޝައްކެއް ނެތެވެ. ޔާމީނުގެ ނުފޫޒެއް މުއިއްޒުގެ ސަރުކާރަކަށް ބޭނުމެއް ނުވެއެވެ.

ޔާމީން ގެކޮޅަށް ބަދަލުކުރުމުން ވެސް ބޭނުންފުޅުވީ ޕީޕީއެމް/ޕީއެންސީ ގެ އިސް ފަރާތްތަކާއި އާއްމު މެމްބަރުން މަގުމައްޗަށް ނުކުމެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ކުރާށެވެ. މިއީ އިންތިޚާބީ ރައީސް މުއިއްޒު އެގޮތަށް އެކަން ނުކުރުމަށް އެދިވަޑައިގެންފައިވަނިކޮށް ޔާމީން ދެއްކެވި ވާހަފުޅުން ހާމަވި ކަމެކެވެ. މިކަމާ ގުޅިގެން ވެސް ޔާމީނަށް ޕީއެންސީގެ ލީޑަރޝިޕްގެ ނުރުހުމާއި ނުސީދާ ބަސްތައް އަމާޒުވިއެވެ.

ދެ ޕާޓީގެ ތެރޭގައި އުފެދެމުން އަންނަ ދެބަސްވުންތަކުގައި އެންމެފަހުން އިވިގެންދިޔައީ ޕީއެންސީގެ ޗެއާޕަރސަން އަދި ޕީޕީއެމްގެ ހިންގުމާވެސް ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ގެ ބަހެވެ. އިންތިޚާބީ ރައީސްގެ އޮފީހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ނުސީދާގޮތަކަށް ޔާމީނާއި ޕީޕީއެމަށް ދެން އެކުލަވާލާ ސަރުކާރެއްގައި އެ މީހުންގެ "ޖާގަ" ހަދުމަކޮށްދީފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ވެރިކަން ހަވާލު ކުރީ ޑރ. މުއިއްޒުއަށް ކަމަށެވެ. "ޕީއެންސީގެ ކެންޑީޑޭޓް ޑރ. މުއިއްޒު" އާ ކަމަށެވެެ. މިއީ ވަރަށް ވާހަކައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނެއްގެ ވާހަކައެއް ނެތެވެ. ހަމައެކަނި ޕީއެންސީއެވެ. ކެބިނެޓް އެކުލަވައިލާނީ މުއިއްޒު ކަމަށާއި އެއްވެސް މީހަކު ލިސްޓު ހަދާފައި ފޮނުވަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވިއިރު ކެބިނެޓަށް ޔާމީނަށް ފެންނަ ބައެއްބޭފުޅުންގެ ލިސްޓެއް ފޮނުއްވާފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މުއިއްޒުއަށް ވާދަކުރެއްވުމުގެ ފުރުސަތު ހަނިގޮތަކުން ލިބިވަޑައިގަތީ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް އީސީން ނިންމުމުންނެވެ. އެއީ ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވައުދުވެވަޑައިގެންނެވިގޮތަށް ޔާމީން މިނިވަންކޮށްދެއްވައިފިނަމަ 2028 ވަނަ އަހަރު އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ މެމްބަރުން ވެސް އުއްމީދު ކުރާނެއެވެ. ނަމަވެސް އެ އުއްމީދުތައް ވެސް އަބްދުއްރަހީމް މިވަނީ ފުނޑުފުނޑުކޮށްލާފައެވެ.

އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ މުއިއްޒުއަށް ދެވަނަ ދައުރެއްވެސް ދެއްވަން ކަމަށެވެ. މާނައަކީ މިހާރުގެ ޕްލޭނަކީ ޕީއެންސީއަށް ދެވަނަ ދައުރެއް ހޯދުމެވެ. އެހެންކަމުން މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް ވެއްޓުނީއެވެ. މިހާރު މައި ޕާޓީއަކީ ޕީއެންސީއެވެ. ވޯޓު ކަރުދާހުން މިއަހަރު ޕީޕީއެމްގެ ނަން ފޮހެވުނު ގޮތަށް ސިޔާސީ މައިދާނުން ވެސް ޕީޕީއެމްގެ ނަން ފޮހެވިގެންދާނީތޯ މިހާރު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
67%
0%
0%
0%
33%
ކޮމެންޓް