ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 09:26
އިސްރާއިލުގެ ޔަހޫދީ ސިފައިން ހަމަލާދެނީ
އިސްރާއިލުގެ ޔަހޫދީ ސިފައިން ހަމަލާދެނީ
ރޮއިޓާސް
ފަލަސްތީން
ފަލަސްތީނުގެ މުޖާހިދުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާންފަށައިފި
ފަލަސްތީނުގެ 187،518 އަށް ވުރެ ގިނަ މީހުން ގެދޮރުން ފިލައިގެން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވޭ
ހަނގުރާމަވެރިން "ސީދާ އަމާޒުކޮށްފައި ވަނީ" ނަބްލޫސްގައި ތިބި އިސްރާއީލުގެ ސިފައިންގެ އިތުރުން ޖެނިންގައި ތިބި އިސްރާއީލުގެ އުޅަނދުތަކަށް

ފަލަސްތީނުގެ މުޖާހިދުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާންފަށާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ އަލް އަޤްސާ ޝަހީދު ބްރިގޭޑްސް އިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިން އާއި ނަބްލޫސްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާން ފަށާފައިވާ ކަމަށް ބުނެފައެވެ.

ވަކިވަކިން ޓެލެގްރާމް މެސެޖުތަކުގައި އެ ޖަމާއަތުން ބުނެފައި ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން "ސީދާ އަމާޒުކޮށްފައި ވަނީ" ނަބްލޫސްގައި ތިބި އިސްރާއީލުގެ ސިފައިންގެ އިތުރުން ޖެނިންގައި ތިބި އިސްރާއީލުގެ އުޅަނދުތަކަށެވެ.

ނަމަވެސް އަލްޖަޒީރާއަށް އެ ރިޕޯޓްތައް ޔަގީން ނުކުރެވޭކަމަށް ވަނީ ބުނެފައެވެ.

އެތަކެއް އަހަރުތަކެއްވަންދެން ކެތްކުރުމަށްފަހު ފަލަސްތީނުގެ މުޖާހިދުން އިސްރާއިލާ ދެކޮޅަށް ދޭންފެށި ހަމަލާތަކާއި ގުޅިގެން، އިސްރާއީލުން ފަލަސްތީންގެ ސަރަހައްދުތަކަށް ބޮން އަޅަމުން ދިޔައިރު، ޣައްޒާގެ ރައްޔިތުން ތިން ވަނަ ރޭ ހޭދަކުރީ ބިރުވެރިކަމާއި އަނދިރީގެ ތެރޭގައެވެ.

އދ ގެ އިންސާނީ އެހީތެރިކަމާއި ބެހޭ އެޖެންސީން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ގިނަ ބަޔަކު ގެދޮރު ދޫކޮށް ދިޔަ ކަމަށް ބެލެވޭއިރު، ފަލަސްތީނުގެ 187،518 އަށް ވުރެ ގިނަ މީހުން ގެދޮރުން ފިލައިގެން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވާ ކަމަށް ބެލެވެއެވެ.

އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެނީ އިސްރާއީލުން އެ ސަރަހައްދަށް ބޮން އަޅަމުންދާތީ ސީދާ އަދަދުތައް ސާފުނުވާތީއެވެ.

ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިން 137،427 އެއްހާ މީހުން ވަނީ 83 ސްކޫލެއްގައި ހިޔާވަހިކަން ހޯދާފައެވެ. އިތުރު 41،000 މީހުންގެ ގެދޮރު ހަލާކުވެފައިވާއިރު، ހާލުގައި ޖެހިފައިވާ ތިބީ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންކައިރީގައި ކަމަށް އޯސީއެޗްއޭ އިން އެންމެ ފަހުން ނެރުނު އަޕްޑޭޓްގައި ބުނެފައިވެއެވެ.

- ކޮމެންޓް