Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 15:55
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ - މަޖިލިސް
މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވެވަޑައިގެންފައިވޭ
މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބާއްވަވާފައިވޭ
މަޖިލީހުގެ ގަވާއިދާ ޚިލާފަށް، ތަކުރާރުކޮށް، ގަސްތުގައި އެޖެންޑާތައް ކަނޑައަޅުއްވަމުން ގެންދަވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިފަދައިން ބުނެފައިވަނީ 49 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ، ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހަށް ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށަހެޅުއްވުމަށް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކުރައްވާކަމަށެވެ.

އަދި ވަކި ފަރާތަކަށް ބުރަވެ ހުންނަވައި، މަޖިލީހުގެ ގަވާއިދާ ޚިލާފަށް ތަކުރާރުކޮށް ގަސްތުގައި އެޖެންޑާތައް ކަނޑައަޅުއްވަމުން ގެންދަވާފައި ވާކަންވެސް ގަރާރުގައި ބަޔާންކޮށްފައިވެއެެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، މުޅި މަޖިލީހުގެ ނިޒާމު ބެލެހެއްޓެވުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވެވަޑައިގެންފައި ވާކަމަށެވެ.

Advertisement

އޭގެ އިތުރުން، މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވެވުމަށްފަހު، މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީއާއި އެމަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް ތާވަލު ކުރައްވައި، އެ މައްސަަލަތައް ކުރިއަށް ގެންދަވާފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ. ވުމާއެކު، ނަޝީދަށް އިތުބާރު ގެއްލިފައިވާކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން އެމްޑީޕީން ހުށަހެޅިނަމަވެސް އެ މައްސަލަ އަނބުރާ ނަގާފައިވަނީ މަސްލަހަތަށް ބަލައި ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

އޭރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ރިޔާސަތުން އެ މައްސަލަ ލަސްކުރާކަމަށް ވިދާޅުވެ، އެތައް ދުވަހެއް ވަންދެން މެމްބަރުން ތަޅުމުގައި ނުރުހުން ފާޅުކުރައްވާފައިވެއެވެ.

އޭރު މައްސަލަ ލަސްކުރެއްވީ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކުއެކީގައި ހުށަހެޅިފައި އޮތުމުންނާއި، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިފައިވާ ގޮތް ފާސް ނުކުރެވޭތީއެވެ.

އެންމެ ފަހުން އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައީއެވެ. ނަމަވެސް ކޮމިޓީތައް އެކުލެވިފައި ނެތްއިރު، މުޅި މަޖިލީހުގެ ތަޅުން ކޮމިޓީއަކަށް ބަދަލު ކުރައްވައިގެންވެސް މަޖިލިސް ކުރިއަށް ގެންދެވިތަން އޭގެ ފަހުން ފެނިގެންވެސް ދިޔައެވެ.

Advertisement

Advertisement
- ކޮމެންޓް