އައު ސަރުކާރަށް ދަތި ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަސްލަމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އުދަނގޫކުރުމުގެ އެއްވެސް ރޫހެއް ނެތް ކަމަށާއި، ދަތިކުރުމުގެ ގޮތުން އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ނުކުރާނެ ކަމަށެވެ. މެންބަރު އަސްލަމް ވިދާޅުވީ އައު ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އޮޕަޒިޝަން ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ.
އަޅުގަނޑުމެންގެ އެއްވެސް ރޫހެއް ނެތް ސަރުކާރަށް ދަތިކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާކަށް ނޫން. ސަރުކާރަށް ދަތި ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑުމެން މަސްއޫލިއްޔަތަކަށްވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުން. ޒިންމާދާރުކަމާއެކު އަޅުގަނޑުމެން އެކަން ކުރަމުން ގެންދާނީ. އެކަން އަޅުގަނޑުމެން ކުރާނަން. އޮޕަޒިޝަން ވަރުގަދަ ޕާޓީއެއް ގޮތުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ގެންދާނަން. ސަރުކާރަށް އުދަނގޫ ކުރުމާއި، ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުރާނަން.އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ސަރުކާރު ހިންގަން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އަދި ޕާޓީގެ ހައިސިއްޔަތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުންދޭނެކަން ފާހަގަކުރައްވައި މެންބަރު އަސްލަމް ވިދާޅުވީ ބަޖެޓު ފާސް ކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމާއި، މަޖިލީހުން ކުރަން ޖެހޭ އެފަދަ ކަންކަން ކުރުމުގައި އެއްބާރުލުން ލިބޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 96ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ވާނެ އެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް އިންތިޚާބީ ރައީސް ޑރ.މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާނީ 17 ނޮވެންބަރު 2023 ގައެވެ. އެހެންކަމުން ބަޖެޓު ހުށަހެޅުމުގެ ފުރުސަތު އާ ސަރުކާރަށް ދިނުމަށް، މަޖިލީހަށް ބަޖެޓު ހުށަހެޅުން ލަސްވެދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.