ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 10:56
ޓީޗަރުންތަކެއް ދަރިވަރުންނާއެކު އަމަލީ މައިދާނުގައި
ޓީޗަރުންތަކެއް ދަރިވަރުންނާއެކު އަމަލީ މައިދާނުގައި
ޓްވިޓަރ
މުދައްރިސުންގެ އަދަދު އިތުރުވުން
5 އަހަރު ތެރޭގައި 4537 ދިވެހި މުދައްރިސުން އިތުރުކޮށްފި
މިދިޔަ 5 އަހަރުގެ ތެރޭގައި އިތުރު 4537 ދިވެހި މުދައްރިސުން ކިޔަވައިދިނުމުގެ މައިދާނަށް ނުކުމެފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި 4537 ދިވެހި މުދައްރިސުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބުނީ މިދިޔަ 5 އަހަރުގެ ތެރޭގައި ދިވެހި މުދައްރިސުންގެ އަދަދު އޭގެ ކުރީ 5 އަހަރާ އަޅާ ބަލާއިރު 50 އިންސައްތަ ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2018ގެ ނިޔަލަށް ދިވެހި މުދައްރިސުންގެ ގޮތުގައި ތިބީ 4078 މުދައްރިސުންނެވެ. ނަމަވެސް މިދިޔަ 5 އަހަރުގެ ތެރޭގައި އިތުރު 4537 ދިވެހި މުދައްރިސުން ކިޔަވައިދިނުމުގެ މައިދާނަށް ނުކުމެ ދިވެހި މުދައްރިސުންގެ އަދަދު ވަނީ 8615ށް އިތުރުވެފައެވެ.

ބިދޭސީ މުދައްރިސުންގެ އަދަދަށް ބަލާއިރު، މިހާރު ތިބީ 1962 މުދައްރިސުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރުންގެ ވޯކް ފޯސް 100 އިންސައްތަ ލޯކަލައިޒް ކުރުމަށް ނުވަތަ ދިވެހި މުދައްރިސުންގެ ގޮތުގައި ހަމަޖެއްސުމަށް އިތުރު 2704 މުދައްރިސުން ބޭނުންވާ ކަމަށެވެ.

ކިޔަވައިދިނުމުގައި ހަރަކާތްތެރިވަމުންދާ ޓީޗަރުންގެ އަދަދަށް ބަލާއިރު، 7873 ދާއިމީ ދިވެހި މުދައްރިސުން ކިޔަވައިދެއްވާއިރު، 742 ވަގުތީ މުދައްރިސުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 75 އިންސައްތަ މުދައްރިސުން ނުވަތަ 7866 މުދައްރިސުންނަކީ އަންހެނުންނެވެ. އަދި ބާކީ 25 އިންސައްތަ ނުވަތަ 2712 މުދައްރިސުންނަކީ ފިރިހެނުންނެވެ. މި އަދަދަށް ބަލާއިރު ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންނެވެ.

މުދައްރިސުންގެ މުސާރައަށް މި ސަރުކާރުން ވަނީ ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައެވެ. ނިސްބަތުން ހުރިހާ މުދައްރިސުންގެ މުސާރަ 60 އިންސައްތަ އަށް ވުރެ މަތިކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް