ސިވިލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި މި މަޤާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ ސިވިލްކޯޓުގެ އިސް ގާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.
މި މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
އޭގެ އިތުރުން، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި، ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުންވެސް ޝަރުތުކޮށްފައިވެއެވެ.
އަދި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.
އޭގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ވަނީ ޝަރުތުކޮށްފައެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1650 ރުފިޔާވެސް ލިބެއެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިދެވޭނެއެވެ.
މި މަޤާމުގެ ތައުލީމީ ފެންވަރަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ.
އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާންޖެހެއެވެ.
މި މަޤާމަށް އެދި ހުށަހަހަޅުއްވާނީ 19 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
މީގެ އިތުރުން، ސިވިލް ކޯޓުގައި ގާޟީކަމުގެ މަޤާމުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ކޯޓުގެ އިސްގާޟީގެ މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.