ބަލާ ބެލުމަށް، އަނެކާގެ މަޢުލޫމާތުގެ ޚަޒާނާގެ މުއްސަނދިކަމަކީ ފަހަރެއްގައިވެސް ވަޒަން ކޮށްލެވޭނެ ކަމެއް ނޫނެވެ. ތާރީޚީ ގޮތުން އަގު ހުރި، ތަރިކައިގެ މުއްސަނދި މަޢުލޫމާތުން ތަނަވަސްވެފައިވާ އެކަކީ ފިރުދައުސް ޢަލީއެވެ. ފިރުދައުސްއަކީ އޭނާގެ އުފަން ވަޒަނަށް ޚާއްޞަ، ޘަޤާފީ ކޭމެއް ކަމަށް ވާ ހަރީސާގެ އެންމެ އެވޭލާ ރެސިޕީ ރައްކާތެރި ކަމާއެކު ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބުރަ ޒިންމާ އުފުލަމުންދާ މީހެކެވެ. ބޮޑު ތޮޅި މިރުސް ބޭނުންކޮށްގެން ތައްޔާރު ކުރާ ހަރީސާއަކީ ފިރުދައުސްގެ ޢާއިލާގެ ފަޚްރެކެވެ. ތޫނިސްގެ މަމޫރާއޭ ކިއާ ސަރަޙައްދުގައި އާބާދުވެފައިވާ ފިރުދައުސްގެ ޢާއިލާއަކީ ޒަމާނުއްސުރެ ދަނޑުވެރި ޢާއިލާއެކެވެ.
އެއީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިއެވެ. ތާރީޚާއި ތަރިކައާއި ބެހޭ އދގެ އިދާރާ (ޔުނެސްކޯ)އިން ޘަޤާފީ ތަރިކައިގެ ގޮތުގައި ހިމެނޭ އަތް ނުލެވޭ ތަރިކައިގެ ލިސްޓުގައި ހަރީސާ ހިމެނީ ޑިސެމްބަރު 2022 ގައެވެ. ޔުނެސްކޯއިން ސިފަ ކުރާ ގޮތުގައި ހަރީސާއަކީ ދޭސީ ކޭންތަކުގެ އަސާސެކެވެ. އަދި ތޫނިސްގެ މުޖުތަމަޢަށް ބަލާއިރު އާދަވެގެން ކޮންމެ ދުވަހެއްގެ ކޭމުގެ ޘަޤާފަތުގައި ހިމެނޭ ބައެކެވެ.
ޔުނެސްކޯއިން އެކުލަވާލާފައި އޮންނަ އަތް ނުލެވޭ ތަރިކައިގެ ލިސްޓުގައި ހަރީސާ ހިމެނުމުގައި، ފިރުދައުސްއާއި، އޭނާގެ މަންމައާއި ދައްތަގެ ދައުރު ބޮޑެވެ. އެމީހުން ހިއްސާ ކުރާ ދަނޑުތަކަށް ޖަމާވެ، ރަތްކޮށް ހުންނަ ތޮޅި މިރުސްތައް ބިނދެ، އެ ހިއްކާ، މުގުރާ، ޕޭސްޓުގަނޑަކަށް ހަދައެވެ. ކޭމުގެ ރަހަ ހެޔޮ ވަރު ކޮށްލުމަށް، ތޫނިސްގެ ކޮންމެ ގެއެއްގައިވެސް ބޭނުން ކުރަނީ ހަރީސާއެވެ.
އަހަރެން މި ހޮވަނީ ރަތް މިރުސްތައް. ދެން، މި އަހަރަމެން ދާނީ މި މިރުސްތައް މުގުރުމުގެ މަސައްކަތް. ޘަޤާފީ ހަރީސާ ނުވަތަ އާވިޖެއްސި ހަރީސާ ހެދުމާ ދިމާއަށް. އަހަރެން ހަރީސާ ހަދަން ދަސް ކުރީ މަންމަ ގާތުން. މަންމަ ދަސް ކުރީ، މަންމަގެ މަންމަ ގާތުން. މީ ޢާއިލީ ކަމެއް. އަހަރަމެން މީ ދަނޑުވެރި ޢާއިލާއެއް. އަހަރަމެންނަކީ ތޮޅި މިރުސް ހައްދައިގެން، ހަރީސާ ހަދާ ބައެއް.ފިރުދައުސް ޢަލީ؛ ހަރީސާ ހަދާ މީހެއް
އެންމެ އިހުގައި ހަރީސާ ތައްޔާރު ކުރުމަށްޓަކައި މިރުސް މުގުރަނީ ވަށްކޮށް އޮންނަ ދެ ހިލަގަނޑެއް ބޭނުން ކޮށްގެންނެވެ. ދެ ހިލަގަނޑު އޮންނާނީ އެކަތި މައްޗަށް އަނެކަތި އަރުވާފައެވެ. ދެ ހިލަނގަނޑުގެ މެދަށް މިރުސްތައް އެޅުމަށްފަހު، ވަށްބުރު ހަމަވާނެހެން ހިލަގަނޑު އަނބުރަމުން ދާނީ އެކަން ކުރަން ހުންނަ މީހެއްގެ އަމިއްލަ އަތުންނެވެ. މިއަދު މިހުންނަ ގްރައިންޑަރުތަކުންވެސް މި ކުރަނީ ހަމަ އެކަމެވެ.
ޘަޤާފީ ހަރީސާ ހަދަން، އެންމެ ފުރަތަމަ މި ޖެހެނީ މިރުސްތައް އަވީލައިގެން ހިއްކަން. ދެން ފެނުން ސާފުކޮށް ދޮވެލާފަ، އެ މި ޖެހެނީ ފުނޑަން. އިހުގެ ހަރީސާ ހަދަން. ދެން، އަދި އެބަ ހުރި އެހެން ވައްތަރެއްގެ ހަރީސާއެއްވެސް. ދެވަނަ ގޮތަށް ހަރީސާ ހަދަންޏާ، މިރުސްތައް ސާފުކޮށް، އާވިން ކައްކާލަނީ. އެއީ އާވިޖެއްސި ހަރީސާ ހަދަން... އަހަރެން އަމާޒު ހިފައިގެން މި އުޅެނީ، އަހަރެންގެ އަމިއްލަ ހަރީސާއެއް އުފައްދަން. ތޫނިސްގެ އެކި ހިސާބުތަކަށް ގޮސް، އެ ވިއްކަން. ޢުއްމީދަކީ ބޭރު ޤައުމުތަކަށްވެސް އެ ހަރީސާ އެކްސްޕޯޓް ކުރެވޭ ގޮތް ވުން. ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ތިބި މީހުންނަށް، ތޫނިސްގެ ހަރީސާގެ ރަހަ ދައްކާލެވޭ ގޮތް ވުމަށް ޢުއްމީދު ކުރެވޭ.ފިރުދައުސް ޢަލީ؛ ހަރީސާ ހަދާ މީހެއް
ހިއްކި މިރުސްތައް މުގުރާ ނިމުމުން، އޭގެ ތެރެއަށް ޒައިތޫނި ތެޔޮ އަޅާ، ބިއްލޫރި ފުޅިފުޅިގައި ބަންދުކޮށް، ތޫނިސްގެ އެކި ހިސާބުތަކަށް ވިއްކަން ފޮނުވައެވެ.
ޝަހީދާ ބޫފިޔާޟްއަކީ ނަބީއުލްގައި ހަރީސާ ފިހާރައެއް ހިންގާ މީހެކެވެ. ޝަހީދާ ސިފަ ކުރި ގޮތުގައި ހަރީސާއަކީ އޭނާގެ 4 ވަނަ ދަރިފުޅެވެ.
މި ވަޒީފާއަކީ އަހަރެންގެ އުފަން ދަރިއަކު ބެލުން ކަހަލަ ކަމެއް. އަހަރެންގެ ތިބެނީ ހަމަ އެކަނި 3 ދަރިންނެއް ނޫން. 4 ތިބޭނެ. 4 ވަނަ ދަރިއަކީ، އަހަރެންގެ މި ވަޒީފާ. ހަމަ އެކަނި ލޯތްބެއް ނޫން ވަނީ. މިކަމަށް ހިތް ދެވިފަ މި އޮންނަނީ. މިކަން ކުރަން ލިބޭތީ ވަރަށް ފަޚްރުވެރިވޭ. އެހެންވެ، އަހަރެންގެ ނަމުންވެސް ނަން ދިނީ. ލޯބި ނުވާ ނަމަ، އަހަރެންގެ ނަމުން ނަމެއް ނުދިނީމު. މީ އަހަރެންގެ ހަށިގަނޑުގެ ބައެއް. އަހަރެންގެ ދަރިންނަކީވެސް، އަހަރެންގެ ހަށިގަނޑުގެ ބަޔަކަށް ވާ ގޮތަށް ހަމަ.ޝަހީދާ ބޫފިޔާޟް؛ ހަރީސާ ވިޔަފާރީގައި އުޅޭ މީހެއް
ތޫނިސްގައި ތޮޅި މިރުހުގެ މޫސުން ފެށެނީ އޭޕްރިލް މަހުއެވެ. ނަބީއުލްއޭ ކިއާ ސަރަޙައްދަކީ، އެކި ކަހަލަ ތޮޅި މިރުސްތަކަށް ޚާއްޞަ ސަރަޙައްދަކަށް ވާ އިރު، ހަރީސާ އުފެއްދުމުގެ މައި މަންޒިލަކީވެސް އެއީއެވެ. ކުޅިކަން ގަދަ ތޮޅި މިރުސްތައް، ހޫނު މޫސުމުގެ ދުވަސްވަރު ހިއްކާ އިރު، މުޅި އަހަރުގެ ބާކީ އޮތް ބައިގައިވެސް ސަޕްލައި ލިބެން ހުރެއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަސް ނިމޭ އަތަށް އަޅާލުމުން، ނަބީއުލްގައި "ހަރީސާ ފެސްޓިވަލް" ބާއްވައެވެ. ހަރީސާއަށް ލޯބިކުރާ އެތައް ބަޔަކު އެ ސަރަޙައްދަށް ޖަމާވެއެވެ. ހަރީސާ އުފައްދާ މީހުން، އެމީހުންގެ އުފެއްދުންތައް ވިއްކުމުގައި އަވަދިނެތި އުޅޭއިރު، ކައްކާއިންގެ ކަމަކަށް ވެފައި އޮންނަނީ، ހަރީސާ ބޭނުން ކޮށްގެން، އެމީހުންގެ ކޭންތައް އިތުރަށް ފުރިހަމަ ކޮށްލެވިދާނެ ގޮތްތައް ދައްކާލުމެވެ.