ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 05:50
ރިޔާސީ އިންތިޚާބު ކެމްޕެއިނަށް ދިދަ ދަމާފައި
ރިޔާސީ އިންތިޚާބު ކެމްޕެއިނަށް ދިދަ ދަމާފައި
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
 
ކެންޑިޑޭޓުން އިންތިޚާބާއި ގުޅިގެން ކުރި ހުރިހާ މާލީ މުއާމަލާތް ހިމެނޭ މާލީ ހިސާބު އިންތިޚާބު ބާއްވާތާ 60 ދުވަސްތެރޭގައި އީސީއަށް ހުށަހަޅަންޖެހޭ

އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް 10 ދުވަސްތެރޭގައި އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަރުކޮށްފައި އަދި ދަމާފައިހުރި ތަކެތި ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ވަނީ ދިދައާއި، ބެނަރ އާއި ދިދަފަތި ފަދަ ތަކެތި ހަރުކޮށްފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ގާނޫނުގައި ބުނާގޮތުގެ މަތިން ދާއިމީ ނަތީޖާ އިއުލާންކުރާތާ 10 ދުވަސްތެރޭގައި މިތަކެތި ނަގަންޖެހޭކަމަށެވެ. އެހެންކަމުން އެކަމަށް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ސަމާލުކަން ދިނުމަށް ހަބީބު ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން ކެންޑިޑޭޓުން އިންތިޚާބާއި ގުޅިގެން ކުރި ހުރިހާ މާލީ މުއާމަލާތް ހިމެނޭ މާލީ ހިސާބު އިންތިޚާބު ބާއްވާތާ 60 ދުވަސްތެރޭގައި އީސީއަށް ހުށަހަޅަންޖެހޭކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތަފްސީލު މާލީ ހިސާބު ހުށަހެޅުން މުހިންމުކަމަށް ހަބީބު ވިދާޅުވިއެވެ.

މިހިސާބުތައް އީސީއަށް ލިބުމުން އިންޓަނރަލް އޮޑިޓުން އެކަން ބަލާނެ. އަދި އޮޑިޓަރ ޖެނެރަލަށްވެސް ފޮނުވާނެ. އެއަށްފަހު މިހިސާބުތައް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކުރެވޭނެ. ހުރިހާ ތަފްސީލެއް ހުރިހާ ބިލްތަކަކާއެކު އާންމުކުރެވޭނެ.
އިސްމާއީލު ހަބީބު / އީސީގެ ނައިބު ރައީސް

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް މުހައްމަދު ޞާލިހާއި ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު އާއި ޑިމޮކްރަޓްސް ޕާޓީގެ ފަރާތުން އިލްޔާސް ލަބީބު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްއެވެ. އަދި އަމިއްލަ ގޮތުން އުމަރު ނަސީރު އާއި ފާރިޝް މައުމޫން އާއި ހަސަން ޒަމީލު ވާދަކުރެއްވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވީ ދެވަނަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި އިބްރާހީމް މުހައްމަދު ޞާލިހު އާއި ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް