ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް ކަމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ބެހޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަން (އީޔޫއީއޯއެމް)ގެ ޗީފް އޮބްޒާވަރ ޔޫރަޕިއަން ޕާލަމަންޓްގައި ސްޕެއިން ތަމްސީލުކުރައްވާ މެމްބަރެއްކަމުގައިވާ ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވެއްޖެއެވެ.
ވޯޓުލާ މީހުން ރީރަޖިސްޓްރީ ކުރުމާއި ވޯޓުލުމާއި ނަތީޖާތައް އެކުލަވާލުމާއި އަދި އެނޫންވެސް އިންތިޚާބާއި ގުޅޭ ހުރިހާ މަރުހަލާތަކެއް އީޔޫ އީއޯއެމްގެ ފަރާތުން ބަލާ ކަންކަން ދިރާސާކޮށްފައިވާކަމަށް އީޔޫއެމްއޯއިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އަމޯރ ވިދާޅުވީ އިންތިޚާބު ހިންގުމުގެ ކަންތައްތަކުގެ ދެފުށްފެންނަ މިންވަރު އިތުރުކުރުމުގެ ސަބަބުން އިންތިޚާބުގެ މަރުހަލާތަކުގެ ޞައްހަކަމާއި މެދުގައި އާންމުންގެ އިތުބާރު އިތުރުވެގެންދިޔަކަމަށެވެ.
ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންގެ ސިޔާސީ މިނިވަންކަމާއި ހައްގުތަކަށް މައިގަނޑުގޮތެއްގައި އިހުތިރާމް ކުރެވުނަސް، ވޯޓުގަތުމާއި ރިޝްވަތުގެ ތުހުމަތުތައް ދެ ފަޅިއަށްވެސް ފުޅާދާއިރާއެއްގައި ކުރެވެމުން ދިޔުމުން، ކެމްޕޭންގެ ޚަރަދުތަކުގެ ދެފުށްފެންނަ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނުޗީފް އޮބްޒާވަރ ނާޗޯ ސަންޗޭޒް އަމޯރ
ދެވަނަ ބުރުގެ ކެމްޕޭން ކުރިޔަށްދިޔައީ ވަރަށް ބޮޑަށް ވަކިވަކި މީހުންނަށް މެސެޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި އެކުގައިކަމަށް އީޔޫން ފާހަގަކުރެއެވެ. ވޯޓުލާ މީހުންނާއި ދޮރުން ދޮރަށް ޒިޔާރަތްކޮށް ބައްދަލުކޮށް އަދި ސީދާ އެމީހުން ދިރިއުޅޭ މުޖުތަމައުއަށް ކެންޑިޑޭޓުން ޒިޔާރަތްކޮށްފައިވާއިރު މާލީ ވަރަށް ބޮޑެތި ވައުދުތައް ކެންޑިޑޭޓުން ވިކަންވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ރީރަޖިސްޓްރީ ކުރުމަށް ފާހަގަކޮށްލެވޭ މިންވަރެއްގެ ބަޔަކު ހުށަހެޅިކަމަށާއި ރީރަޖިސްޓްރީ ކުރުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަލުވިކަމާއެކު ނިންމާލިކަމަށް އީޔޫން ފާހަގަކުރެއެވެ. ވޯޓުލާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތާއި ސިޔާސީ ޕާޓީތަކާއި ކުރާ މުއާމަލާތު އީސީން ކުރިޔަށްވުރެ އިތުރަށްކުރި ކަމަށް އީޔޫން ބުނެއެވެ. މީގެ ސަބަބުން އީސީގެ މަސައްކަތާއި މެދުގައި އިތުބާރު އިތުރުވެ އިންތިޚާބުގެ ދެފުށްފެންނަ މިންވަރު އިތުރު ވެގެންދިޔަކަމަށް އީޔޫން ބުނެއެވެ.
އިންތިޚާބު ބޭއްވި ދުވަހު އިންތިޚާބާއި ބެހޭ މުވައްޒަފުން މަސައްކަތްކުރީ ތަރުތީބުން ހަރުދަނާކަމާއި އެކުގައި ކަމަށާއި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަމަށާއި ވޯޓުލާން ފެއްޓުމާއި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައް ދިޔައީ ރަނގަޅަށް ކަމަށް އީޔޫން ބުނެއެވެ.
ވޯޓުގެ ސިއްރުކަން ރަނގަޅަށް ހިފެހެއްޓިފައިވާކަމަށާއި ނަމަވެސް ބާތިލު ވޯޓު ކަނޑައަޅާނެ ގޮތާއި މެދުގައި މާ ހަރުކަށި އިރުޝާދުތަކެއް ދީފައިވާތީވެ ވޯޓުލާ މީހުންގެ ނިޔަތް ރަނގަޅަށް އެނގެން ހުންނަ އިރުގައިވެސް ވޯޓު ބާތިލުވެ ވާތިލު ވޯޓުގެ އަދަދު އިތުރުވެގެންދިޔަކަން އީޔޫން ފާހަގަކުރެއެވެ.