ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 09:41
މަމަދޫ ޞަފަޔޫ ބާރީ؛ ގިނީގެ ޒުވާނެއް
މަމަދޫ ޞަފަޔޫ ބާރީ؛ ގިނީގެ ޒުވާނެއް
ރޮއިޓާސް
ބައިސްކަލުގައި މިސްރަށް ދިޔަ ޒުވާނާ
ހުވަފެނީ މަންޒިލަށް ދެވޭނީ ދަތުރަށް ފަށައިގެންނެވެ. ބާ ބައިސްކަލުގަނޑެއްގައި ނަމަވެސް ދަތުރަށް ފަށާށެވެ!
 
މަމަދޫ ފަދައިން، ހުޅަނގު އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ އެތައް ހާސް މީހުންނެއް ކޮންމެ އަހަރަކުވެސް ސަހަރާ ހުރަސް ކުރުމަށްޓަކައި ނުރައްކާތެރި ދަތުރުތަކެއް ކުރޭ
 
މިދިޔަ އަހަރު އެކަނިވެސް އެ ރާސްތާއިން ދަތުރު ކުރަމުން ދިޔަ 500 މީހަކު ވަނީ މަރުވެފައި

އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޔުނިވަރސިޓީއަކުން، އިސްލާމީ ތަވްޙީދުގެ ރޮނގުން މަތީ ތަޢުލީމު ފުރިހަމަ ކުރުމަކީ، މަމަދޫ ޞަފަޔޫ ބާރީ ކަނޑައެޅި ޢަޒުމެކެވެ. ނަމަވެސް އުފަން ފަސްގަނޑު ކަމަށް ވާ ގިނީއިން، އޭނާގެ މަންޒިލް ކަމަށް ވާ މިޞްރަށް ދާން ޓިކެޓެއް ގަންނާނެ ފަދަ މާލީ ތަނަވަސްކަމެއް އޭނާ އަތަކު ނެތެވެ. އެވަރުންވެސް އުންމީދު ކަނޑައެއް ނުލައެވެ. މަމަދޫގެ އަތުގައި އޮތް އާދައިގެ ނޯޓުފޮތެއްގައި، އެފްރިކާގެ ޗާޓު ކުރަހާލިއެވެ. އަދި މީހަކު ބޭނުން ކުރުމަށްފަހު ދޫކޮށްލާފައި ހުރި ބާ ބައިސްކަލެއްގައި މިޞްރަށް ފުރިއެވެ. ދަތުރަށް ބަރުކުރިހާވެސް އެއްޗަކީ، ބަދަލުކޮށްލާނެ ހެދުމަކާއި، ޓޯޗެއްގެ އިތުރުން އިސްކުރު އަނބުރާ ކަށިގަނޑެކެވެ.

ދަތުރަށް ފުރިތާ 4 މަސްދުވަސް ފަހެވެ. 7 ޤައުމު ހުރަސްކޮށް، ޢުމުރުން 25 އަހަރު މަމަދޫ މިއަދު ހުރީ މިޞްރުގެ ވެރިރަށް ޤާޚިރާގައެވެ. އަލް-އަޒްހަރު ޔުނިވަރސިޓީއިން މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް، ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕްއަކާއެކުވެސް އެކުގައެވެ. އަލް-އަޒްހަރު ޔުނިވަރސިޓީއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ޒަމާންވީ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ، ޤަދަރު ހުރި ޔުނިވަރސިޓީއެކެވެ. އަދި ސުންނީ އިސްލާމީ ތަރުބިއްޔަތު ފެތުރުމުގައި އެފަދަ ދެވަނައެއް ނެތް ޢިލްމީ ދަންމަރެކެވެ.

މަތީ ތަޢުލީމަށް ވަނުމަށްޓަކައި ހަދަން ޖެހޭ އިމްތިޙާނު 5 ފަހަރަށް ހެދިން. އެއް ފަހަރުވެސް ފާހެއް ނުވި. ދެން އަހަރެން ހިތަށް އެރީ، އެހެން އުކުޅެއް ބޭނުންކޮށްގެން އަނެއްކާވެސް މަސައްކަތްކޮށްލަންވެއްޖެއޭ. އެއީ އިސްލާމް ދީން ދަސްކޮށްދޭ އެއްޗަކީވެސް. އަހަރެން އަތަކު މާ ބޮޑު ތަނަވަސްކަމެއް ނެތް. އެމެރިކާއަށް ތަޢުލީމު ފުރިހަމަ ކުރަން ބޭނުންވެގެން، އެކަން ކޮށްދޭން ބައްޕަ ގާތުގަ އެދުނިން. އެކަމަކު، ބައްޕައަކަށްވެސް އެހީތެރިކަމެއް ނުދެވުނު. މިޞްރުގަ ކިޔަވަންވެސް ބައްޕައަށް އެހީއެއް ނުވެވޭނެކަން އަހަންނަށް އެނގުނު. އެހެންވެ، އެކަން އެހެންވިޔަ ނުދިނީވެސް. އެކަމަށް ގަދައަޅާ މަސައްކަތް ފެށީ. ޙައްލެއް ހޯދަން މަސައްކަތް ކުރީ. އެގޮތުން އައި ޚިޔާލެއް ބައިސްކަލު ދަތުރަކީ. އެހާ ހިސާބުން ބައިސްކަލެއް ނެގީ. ނަގައިގެން ދަތުރަށް ފެށީ.
މަމަދޫ ޞަފަޔޫ ބާރީ؛ ގިނީގެ ޒުވާނެއް

މަމަދޫ ފަދައިން، ހުޅަނގު އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ އެތައް ހާސް މީހުންނެއް ކޮންމެ އަހަރަކުވެސް ސަހަރާ ހުރަސް ކުރުމަށްޓަކައި ނުރައްކާތެރި ދަތުރުތަކެއް ކުރެއެވެ. ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމުގެ ޢަޒުމުގައެވެ. އިޤްތިޞާދީ ގޮތުން ތަނަވަސް ފުރުޞަތެއްގެ އުންމީދުގައެވެ.

ނަމަވެސް، ގިނަ މީހުންނަކަށް މަންޒިލާ ހިސާބަށް ދެވޭ ގޮތެއް ނުވެއެވެ. މިދިޔަ އަހަރު އެކަނިވެސް އެ ރާސްތާއިން ދަތުރު ކުރަމުން ދިޔަ 500 މީހަކު ވަނީ މަރުވެފައެވެ. ނުވަތަ ވީނުވީ އެއް ނޭނގި ގެއްލިފައެވެ. މިއީ ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައޯއެމް)ގެ ތަފާސް ހިސާބުތަކުން ފެންނަ މަންޒަރެވެ.

ނުރައްކާ ކިތަންމެ ބޮޑުވި ކަމުގައި ވީ ނަމަވެސް، އެ ކަމާ ކުރިމަތި ލުމަށް މަމަދޫ ނިންމީ، ލިބެން އޮތް އިނާމުގެ އަގު ބޮޑު ކަމުންނެވެ.

ހުވަފެންތަކެއް ދެކެންޏާ، ކުރަން ޖެހޭނެހާވެސް ކަމަކީ އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރުން. އެ ހުވަފެންތައް ދައްކާ މިޞްރާބަކުން ދިއުން. އެ ނޫން ގޮތަކަށް އެހީތެރިކަމެއް ނުލިބޭނެ. މިއަދު މިކަން ކޮށްލާފަ، މާދަން އެކަން ކޮށްލާފަ… އެހެން އުޅެގެން ވާނެ ރަނގަޅެއް ނޯންނާނެ. ހެޔޮ މަގެއް ނުފެންނާނެ. ޢަޒުމެއް އޮތީވިއްޔާ، އެކަން ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ ގަދައަޅާ. އެކަމާ އުޅެންޏާ، މާތް ﷲ އެމީހަކަށް މަދަދު ދެއްވާނެ.
މަމަދޫ ޞަފަޔޫ ބާރީ؛ ގިނީގެ ޒުވާނެއް

ބާ ބައިސްކަލުގަނޑެއްގައި މިޞްރަށް ކުރި ދިގު ދަތުރުގައި ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 100 ކިލޯމީޓަރުގެ ރާސްތާއެއް، މަމަދޫ ކަޑަތު ކުރެއެވެ. މަމަދޫގެ ދަތުރުގައި ކަޑަތު ކުރި ބައެއް މަންޒިލްތަކުގެ ތެރޭގައި މާލީ، ބުރުކީނާ ފާސޯ، ޓޯގޯ ބެނީން، ނައިޖަރ އަދި ޗާޑް ފަދަ ޤައުމުތައް ހިމެނެއެވެ. އެ ޤައުމުތަކަކީ، އާންމު ގޮތެއްގައިވެސް މީހުން ގޮސް އުޅެން މާ ރައްކާތެރި އަދި މާ ފަސޭހަ ޤައުމުތަކެއްވެސް ނޫނެވެ.

މިޞްރަށް ކުރި އުންމީދީ ދަތުރުގައި މަމަދޫ ވަނީ 3 ފަހަރެއްގެ މަތިން ހައްޔަރުވެސް ކޮށްފައެވެ. ބުރުކީނާ ފާސޯގައި 2 ފަހަރު ހައްޔަރު ކުރިއިރު، ދެން އޭނާ ހައްޔަރު ކޮށްފައި ވަނީ ޓޯގޯގައެވެ. ޓޯގޯގެ ސަލާމަތީ ބާރުތަކުން ވަނީ 9 ދުވަސް ވަންދެން މަމަދޫ ހައްޔަރުކޮށްގެން ގެންގުޅެފައެވެ. އަދި ދަޢުވާ ކުރުމަކާ ނުލާ އޭނާ ދޫކޮށްލީ، ކަފާލާތުގެ ގޮތުގައި ގާތްގަނޑަކަށް 56.35 އެމެރިކާ ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ. އެ ފައިސާއަކީ ދަތުރުގެ ބާކީ އޮތް ބަޔަށް ޚަރަދު ކުރުމަށް މަމަދޫ އަތުގައި ހުރިއްޔާ ހުރި، ހުރިހާ ފައިސާއެކެވެ.

އެއީ މެއި 18 ވަނަ ދުވަސް، އޭރު އަހަރެންގެ އުފަން ވަޒަނުން ފުރައިފިން. އަހަރެން ހުރީ ގިނީއާއި މާލީ ގުޅޭ ސަރަޙައްދީ އިމުގަ. އަތުގަ އޮތީ ގާތްގަނޑަކަށް އެންމެ 56.35 އެމެރިކާ ޑޮލަރަށް ވާހާ ފައިސާ. ދަތުރުމަތީ ކުރަންޖެހިއްޖެ ކޮންމެ ޚަރަދެއް ކުރަންވެސް އޮތީ ހަމަ އެ ފައިސާކޮޅު. ގިނީއިން އަހަރެން ފުރިއިރު އަތުގަ ހުންނާނެ އަނބާއި ޕާން. މާލީގަ އަހަރެން ކައި އުޅުނު އެއްޗެހީގެ މައްސަލައެއް ނެތް. ފުލުހުންނާވެސް އެއްވެސް މައްސަލައެއް ނުޖެހޭ. ހަމައެކަނި ބައިސްކަލުގަ ދުއްވައިގެން ވާ ވަރުބައްޔެއް ވަނީ. އެއީ ދެން ކުރިމަތިނުލާ ނުވާނެ ކަމެއްތާދޯ. ވަރުބަލި ވާ ހިސާބުން ގަސްތަކުގެ ތެރޭގަ އަހަރެން ނިދާލަނީ. އެއީ ސިޓީތަކުގެ ތެރޭގަ އުޅޭ މީހުން ދެކެ އަހަރެން ކުޑަކޮށް ޖެހިލުންވާތީ. ގޭންގުތަކުން އައިސް އަހަންނަށް އަނިޔާކޮށް، ބައިސްކަލުގަނޑުވެސް ވަގަށް ގެންގޮސްދާނެތީ ބިރުގަނޭ. އެހެންވެ، ރޭގަނޑުގެ ވަޤުތުތައް ގަސްތަކު ތެރޭގަ ހޭދަ ކުރަން އަހަންނަށް މާ ރަނގަޅު.
މަމަދޫ ޞަފަޔޫ ބާރީ؛ ގިނީގެ ޒުވާނެއް

މަމަދޫގެ ނަޞީބު ބަދަލުވާން ފެށީ ޗާޑް އާ ހިސާބުންނެވެ. އެއީ ޗާޑްގައި އެކި ގޮތް ގޮތުން މީސްމީހުންނަށް އެހީވުމުގެ މަސައްކަތުގައި އުޅުނު މީހަކާ ބައްދަލުވި ހިސާބުންނެވެ. އެމީހަކީ މަމަދޫ ކުރަމުން ދިޔަ ޢަޒުމުން ފުރިގެންވި ދަތުރުގެ ވާހަކަތައް، އޮންލައިންކޮށް ކިޔަމުން ދިޔަ މީހެކެވެ. އެ މީހަކު ވަނީ، ހަނގުރާމަ ދިގުލާ ގޮސްފައި ވާ ސޫދާންއަށް ދާން ނުޖެހޭ ގޮތަށް، ޗާޑްއިން ސީދާ މިޞްރަށް، ވައިގެ މަގުން ދަތުރު ކުރެވޭނެ އިންތިޒާމް، މަމަދޫއަށް ހަމަޖައްސާދީފައެވެ.

މަމަދޫއަށް މިޞްރަށް ދެވުނީ ސެޕްޓެމްބަރ 5 ވަނަ ދުވަހުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، އަލް-އަޒްހަރު ޔުނިވަރސިޓީގެ ފުލް-ސްކޮލަރޝިޕް ކަށަވަރު ކުރިއެވެ. މަމަދޫ ހުރީ، ތަޢުލީމު ފުރިހަމަކޮށް ނިންމާލުމަށްފަހު އޭނާގެ އުފަން ވަޒަނަށް ދިއުމުގެ ނިޔަތުގައެވެ. އެއީ މިއަދު އޭނާ އެ ހުރި ހިސާބަށް ގެނެސް ދިން ގިނީގައި އިސްލާމީ ހިދާޔަތު ފެތުރުމުގެ މަޤްޞަދުގައެވެ. 

2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގިނީގެ އާބާދީގެ 89 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އާބަދީގައި ގިނައީ ސުންނީ މަޒްހަބުގެ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް