ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 05:24
މެނުއަލް ނޯޔާ
މެނުއަލް ނޯޔާ
ގެޓީ އިމޭޖަސް
ބަޔާން މިއުނިކް
ކީޕަރު ނޯޔާ، އަލުން ކުޅެން ނުކުމެއްޖެ
އަލުން ކުޅެން ނުކުތްއިރު ޖަރުމަނުގެ ގައުމީ ކީޕަރުގެ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައި

ޖަރުމަނާއި ބަޔާން މިއުނިކްގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ އަލުން ކުޅެން ނުކުމެ ފަރިތަކުރަން ފަށައިފި އެވެ.

އޭނާ އަލުން ކުޅެން ނުކުތީ ފައި ބިންދައިގެން ދިއުމުގެ ސަބަބުން 10 މަސްދުވަހު ފަރުވާ ހޯދުމަށްފަހު އެވެ. އުމުރުން 37 އަހަރުގެ ކީޕަރު އަލުން ކުޅުމުގެ ތެރެއަށް މިއައީ ކުރިން ލަފާކުރެވުނު ވަރަށްވުރެ ލަހުންނެވެ. އެއީ އޭނާގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުދިއުމުގެ ސަބަބުންނެވެ.

ނޯޔާ އަލުން ކުޅެން ނުކުތް ނަމަވެސް ބަޔާން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އޭނާ ފެނުން ޔަގީނެއްނޫނެވެ. އެކަމަކު އެ ޓީމުން ބުނަނީ އެކަމަށް ދެން އޮތީ މަދު ވަގުތުކޮޅެއް ކަމަށެވެ.

"އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއެކު އަލުން ދަނޑަށް ނުކުތުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވުނު ކަމެއް. އަހަރެން މިހުރީ ކުރިއަށްދާން ތައްޔާރަށް،"
ނޯޔާ ބުންޏެވެ.

ބަޔާންއާއެކު 2013 އަދި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކީޕަރަކީ ދުނިޔޭގެ އެންމެ ހުޝިޔާރު އެއް ކީޕަރެކެވެ. ނަމަވެސް ގާތްގާތުގައި ދިމާވި އަނިޔާތަކުގެ ސަބަބުން އޭނާއަށް އަންނަ އަހަރުގެ ޔޫރޯގައި ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ލިބިދާނެ ކަމާމެދު ބައެއް މީހުން ޝައްކު ކުރެއެވެ. އެއީ މިހާރުގެ އެއްވަނަ ކީޕަރު ބާސެލޯނާގެ މާކް އަންދްރޭ ޓާސްޓެގަން މޮޅަށް ކުޅޭތީ އެވެ.

ނޯޔާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގެ ކެޕްޓަނެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކީޕަރެވެ. ނަމަވެސް އޭނާ ހުރެގެން މިދިޔަ ދެ ވޯލްޑްކަޕުގެ ގްރޫޕުން ސްޓޭޖުން ޖަރުމަނު ވަނީ ކަޓާފަ އެވެ.

- ކޮމެންޓް