މަސައްކަތު ގަޑީގައި އަރބަންކޯގެ މުވައްޒަފުންގެ ކުދިން ބެލުމަށްޓަކައި އަބަންކޯ ޗައިލްޑް ކެއަރ ސެންޓަރު ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުއްވައިދެއްވައިފިއެވެ.
އަންގާރަ ދުވަހު އެކަމަނާ ވަނީ އެ ސެންޓަރުގައި އެވަގުތު ތިބި ތުއްތު ކުދިންނާއެކު ވަގުތުގޮޅެއް ހޭދަކޮށްލައްވާފައެވެ.
އޮފީސް މާހައުލުގައި މުވައްޒަފުންނަށް ދަރިން ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމްތަކާއެކު ހުޅުވި އެ ޗައިލްޑް ކެއަރ ސެންޓަރަކީ އަންހެނުން ބާރުވެރިކޮށް، ވަޒީފާ އަދާކުރުމުގެ ފަހި ފުރުޞަތު ކަށަވަރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވާފައިވާ ތަނެކެވެ.
އަރބަންކޯ އިން ބުނީ އެ ސެންޓަރުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިން ތިބޭ މުވައްޒަފުން އެމީހުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެކުދިން ބެލޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އަދި އެތަން އިތުރަށް ތަރައްޤީކުރެވިގެންދާނެކަމަށް ވެސް އަރބަންކޯއިން ބުނެއެވެ. އެތަނުގައި ކުދިން ބަލަހައްޓަން ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެ ކަމަށާއި އެތަން ޚާއްޞަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކަމަށް ވެސް އަރބަންކޯ އިން ބުނެއެވެ. މި ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.
މިފަދަ ފުރަތަމަ ފުރަތަމަ ސެންޓަރު ހުޅުވީ ސްޓެލްކޯގައެވެ. މިހާރު އެމްޕީއެލްގައިވެސް ވަނީ ޗައިލްޑް ކެއަރ ސެންޓަރެއް ހުޅުވާފައެވެ.