ނެދަލެންޑުގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ނެދަލެންޑުގެ ދަ ހޭގްގައި ހުންނަ މުސްލިމް ޤައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ކީރިތި ޤުރުއާނަށް ފުރައްސާރަކުރުމުގެ ގޮތުން ހަތިމްތަކުގެ ގަނޑުތައް ވީދާފައެވެ. މި އަމަލުތައް ހިންގަމުންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެއް ކަމަށްވާ އެޑްވިން ވޭގެންސްވެލްޑް އެވެ. އޭނާ ވަނީ މުސްލިމުންނާއި އިސްލާމްދީނަށް ވެސް ފުރައްސާރަކޮށް ވާހަކަތައް ދައްކާފައެވެ.
މި އަމަލު ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެކަން ހާމަކޮށް ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ތަންތަނުގައި ތަކުރާރުކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ ހަމަނުޖެއްސޭނެ ކަމަށެވެ. އަދި ދައުލަތްތަކުން ދީނީގޮތުން ނަފުރަތު އުފެއްދުމަށް ކުރަމުން އަންނަ މިފަދަ އަމަލުތަކާއި ތަފާތުކުރުންތައް ޤައުމީ ފެންވަރުގައި ހުއްޓުވުމަށް ޤާނޫނަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް އެމިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ތަންތަނުގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށާއި އެފަދަ ކަންކަން ވަގުތު ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ނަފުރަތު އުފައްދަކުރަމުން އަންނަ މަސައްކަތް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.