އިޓާލިއަން ލީގުގެ ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ވިކްޓަ އޮސީމެން މައާފަށް އެދިއްޖެ އެވެ.
އޮސީމެން މައާފަށް އެދިފައި ވަނީ ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ އަދި ޓީމުގެ އެހެން ކުޅުންތެރިންގެ ކިބައިންނެވެ. އޭނާ މައާފަށް އެދުނީ އިޓާލިއަން ލީގުގައި ނަޕޯލީން ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބަދަލު ކުރި ވަގުތު، ރުޅި ގަދަވެވުމުންނެވެ. މެޗުގެ 86 ވަނަ މިނެޓުގައި ކޯޗު ގާސިއާ ވަނީ އޮސީމެން ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައި ވަނީ ޖިއޮވާނީ ސިމިއޯން އެވެ. ބަދަލު ކުރި ވަގުތު އޮސީމެން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. އަދި ކޯޗު ގާސިއާ އާއި ރުޅިގަދަވެ ހުރެ ވާހަކަ ދައްކައިފަ އެވެ.
އެކަމާ ގުޅިގެން އޮސީމެން ބުނީ، ރުޅި ގަދަވެވުނީ އޭނާގެ ބޭއިޚްތިޔާރުގައި ކަމަށެވެ. ސަބަބަކީ އޭނާ އަކީ އަބަދު ވެސް މޮޅުވާން ބޭނުންވާ ކުޅުންތެރިޔަކަށް ވެފައި، އެވަގުތުގައި ބަދަލުކުރުމުންނެވެ. އެކަމާ ގުޅިގެން ކޯޗު ގާސިއާ ވެސް މިހާރު ވަނީ އޮސީމެންއާ ވާހަކަ ދައްކައި މައްސަލަ ހައްލު ކޮށްފައި ކަމަށް ނަޕޯލީއާ ހަވާލާދީ މީޑިއާ ތަކުން ބުނެފައިވެ އެވެ. އެހެންކަމުން މިހާރު އެކަމުގެ އެއްވެސް މައްސަލައެއް އަދި އަސަރެއް ވެސް ޓީމުގައި ނޯންނާނެ ކަމަށް އެ ކުލަބާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވެ އެވެ.
މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރި ނަޕޯލީ އަށް މި ސީޒަންގެ މިހާތަނަށް އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ.