ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ގާޒީ އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ޖުޑީޝަަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، 2023 ސެޕްޓެންބަރު 20 ވަނަ ދުވަހުން ފެށިގެން، ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ގާޒީ އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ ސިވިލްކޯޓުގެ އިސް ގާޒީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.
ގާޒީ ނިމާލު އަވަހާރަވުމާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ވަނީ ނިންމަވާފައެވެ.