ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެ ސަރަހައްދުން 3 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭގެ ދެގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އެޕަރޭޝަނުގައި، އެ ދެގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 78 ސެލޯފިންކޮޅު، 10 ރަބަރު ޕެކެޓު، ފިލްމު ހުސްކުރި 8 ދަޅު، 3 ފުޅި، ޖޫސްޕެޓީ ދެކޮތަޅު އަދި މަސްތުވާތަކެތި ހުރި އިތުރު ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ތިން ދުވަސް ދީފައިވާއިރު 30 އަހަރުގެ މީހާއަށް އެއް ދުވަސް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ވިލިމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 290 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވިލިމާލޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.