ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 16:48
ރިޔާސީ އިންތިޚާބުގެ ތެރެއިން
ރިޔާސީ އިންތިޚާބުގެ ތެރެއިން
ރާއްޖެއެމްވީ
ވޯޓަރސް ލިސްޓް
ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުޅުވާލަނީ
ދެވަނަ ބުރުގެ ވޯޓަރސް ލިސްޓު މާދަމާ އާންމުކޮށް، ޝަކުވާއަށް ހުޅުވާލާނެކަމަށް ބައެއް ނޫސްތަކުން ބުނިނަމަވެސް އެއީ ދޮގު ޚަބަރެއް

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަބީބު ވިދާޅުވީ، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ކުރިއަށްގެންދިޔަ ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ނިންމައި، ދެވަނަ ބުރުގެ ވޯޓަރސް ލިސްޓު މާދަމާ އާންމުކޮށް، ޝަކުވާއަށް ހުޅުވާލާނެކަމަށް ބައެއް ނޫސްތަކުން ބުނިނަމަވެސް އެއީ ދޮގު ޚަބަރެއް ކަމަށެވެ. އީސީން ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެހެންކަމުން އެ މަސައްކަތް ނިންމައި، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޝަކުވާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާކުރާނެ ކަމަށްވެސް އީސީން މައުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި، ރީ-ރެޖިސްޓަރ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރޭޝަނަށް 47،000ށްވުރެ ގިނަ ފޯމު ހުށަހަޅާފައި ވާކަމަށް އެ ކޮމިޝަނުން ބުނެއެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42867 ފޯމު ހުށަހެޅިއިރު، ދެވަނަބުރުގައި ގާތްގަނޑަކަށް 47،000 ފޯމު ހުށަހެޅުމުން، ދެބުރުގެ ފޯމުތަކުގެ ޖުމްލަ މިވަނީ ގާތްގަނޑަކަށް 90،000ށް އަރާފައި ކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޯމަތިވެފައިވާ މިދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް