އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކޮށްފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ގުޅޭ ޤަރާރު ފާސް ކުރުމާމެދު، މުޅި މަޖިލީހުގެ ކޮމިޓީން ގެނައި އިސްލާޙުތަކާއެކު ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ޤަރާރު ފާސްކުރަން ފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވީ 34 މެމްބަރުންނެވެ.
މި ޤަރާރު ފާސްކުރުމަށް ބޭނުންވަނީ 16 ވޯޓެވެ.
ވުމާއެކު، މުޅި މަޖިލީހުގެ ކޮމިޓީގެ 31 މެމްބަރުންގެ ވޯޓުން ވަނީ މި ޤަރާރު އިސްލާޙުތަކާއެކު ފާސްކޮށްފައެވެ.
އެއަށްފަހު ބުދަ ދުވަހުގެ ޖަލްސާގައި ވަނީ މި ޤަރާރާއި ގުޅޭ ރިޕޯޓު މަޖިލީހަށް ހުށައަޅުއްވާފައެވެ. ރިޕޯޓު ހުށައަޅުއްވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ މުޤައްރިރުގެ ޙައިސިއްޔަތުން ނަޝީދެވެ.
އެއަށްފަހު ވަނީ ރިޕޯޓަށް ބަހުސަށް ހުޅުވާލައި ވޯޓަށް އަހާފައެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުން ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ހުށަހަޅާ ގަރާރު މުޅި މަޖިލީހުން ނިންމި ގޮތުގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓު ފާސްކޮށްފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލީހުގެ 35 މެންބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެންބަރުން ތިއްބަވަ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ގަރާރު ހުށަހެޅުއްވި އިރު ވޯޓު ނެގުމަށް ހިމަނާފައިވާ ތާރީހަކީ 30 ނޮވެމްބަރުގެ ކުރިންނެވެ.
ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެއީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި އެއްވެސް ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ޕާޓީތަކުން ކޯލިޝަން ހަދަން ޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފަޔަކަށް ވުމެވެ. އަދި 30 އޮކްޓޯބަރުގެ ކުރިން އެކަމާއި ގުޅޭ ވޯޓު ނެގުމަކީ އާއްމުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
މިގަރާރާ ގުޅޭގޮތުން މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މަޖިލީހުގައިވާ ގަރާރު ފާސްވެއްޖެ ނަމަ އެއާއި އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.