ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 15:38
ޒައިދު އައްމާރު؛ ހަނގުރާމައިގެ ތެރޭގައި އަނިޔާވި ޢިރާޤު ޒުވާނެއް
ޒައިދު އައްމާރު؛ ހަނގުރާމައިގެ ތެރޭގައި އަނިޔާވި ޢިރާޤު ޒުވާނެއް
ރޮއިޓާސް
ޒައިދު އައްމާރު
ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުން ދިޔަ ޒައިދުގެ ޙަޔާތުން ޒުވާނުން ނަށް މުހިންމު ފިލާވަޅުތަކެއް!
 
މިސައިލް ހަމަލާއަށް ފަހު އޭނާގެ ކަނާތު ފަޔާއި، ވާތުގެ 3 އިނގިލި ބުރިކޮށްލި
 
ނުކުޅެދޭ މީހެއްގެ ގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް، ޒައިދުއަށްވެސް މަސްނޫއީ ފަޔެއް ލިބޭ ގޮތްވީ 2019 ވަނަ އަހަރު

މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާޢަތުގެ ގޮތުގައި މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު އިއްތިފާޤު ވާ އައިއިސް ޖަމާޢަތުގެ ވާހަކަތައް، މީޑިއާގެ ފަލަ ސުރުޚީތަކުން ފަނޑުވި ކަމުގައި ވީ ނަމަވެސް، ޒައިދު އައްމާރު ފަދަ ޒުވާނުންގެ ހިތްތަކުން ދުވަހަކުވެސް އެ ނަމާން ދުވަސްތަކުގެ ހަނދާންތައް ފިލައި ހިނގައިދާނެ ކަމަކަށް ނުބެލެވެއެވެ.

އެއީ ޢިރާޤުގެ މޫސަލްގައި، އައިސިސްއާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަ ކުރި ދުވަސްވަރެވެ. ބަދަލު ކުރަމުން ދިޔަ އެތަކެއް މިސައިލް ހަމަލާތަކެއްގެ ތެރެއިން މިސައިލެއްގެ ޝިކާރައަކަށް ޒައިދުވިއެވެ. އެއީ އޭރު އޭނާ ގުނަމުން ދިޔައީ ފުރާވަރު ޢުމުރުގެ ދުވަސްތަކެވެ. އެ ހަމަލާއަށް ފަހު ޒައިދަކީ ނުކުޅެދޭ މީހަކަށް ވިއެވެ. ކަނާތު ފަޔާއި ވާތުގެ 3 އިނގިއްޔަކަށް ވަދާޢުގެ ސަލާމް ކުރަން މަޖުބޫރުވިއެވެ.

މިސައިލް ހަމަލާއަށް ފަހު އަހަރެންގެ ކަނާތު ފަޔާއި، ވާތުގެ 3 އިނގިލި ބުރިކޮށްލީ. ގާތްގަނޑަކަށް އަހަރެއް ވަންދެން އޮންނަން ޖެހުނު ހިރިނުލެވިފަ. މިސައިލް ވެއްޓުނީ ހަމަ މަށާ ޖެހިގެން. އަހަރެންގެ ހަށިގަނޑަށްވެސް އޭގެ ބައެއް ހެރުނު. ވާތު ފައިގެ ކަކުލަށްވެސް ހެރުނު.
ޒައިދު އައްމާރު؛ ހަނގުރާމައިގެ ތެރޭގައި އަނިޔާވި ޢިރާޤު ޒުވާނެއް

މިހާރު، ޢުމުރުން 21 އަހަރު ފުރިފައި ވާ ޒައިދު ކިޔައިދިން ގޮތުގައި، ހަމަލާގައި ލިބުނު އަނިޔާތަކަށް ފަހު އެތައް އަހަރެއް ވަންދެން އޭނާއަށް އިޙުސާސް ކުރެވެމުން ދިޔައީ އިންތިހާ މާޔޫސްކަމެވެ. ތަނެއްގައި ބަންދުވެފައި އިންނަން ޖެހުނު ކަމުގެ އިޙުސާސްތަކެވެ. ދިރިއުޅުމައިގެން އެންމެ ހަލުވި ދުވެލީގައި ކުރިއަރާ ދާން ވީ ދުވަހު، މަޑުޖެހިފައި އިންނަން ޖެހުނު ކަމުގެ އިޙުސާސްއެވެ.

ފަރުވާގެ ތެރޭގަ ހޭދަކުރަން ޖެހުނު ދުވަސްތަކަކީ ވަރަށް ދަތި ދުވަސްތަކެއް. ނަފްސާނީ ގޮތުންވެސް އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފަ. އެހެންޏާ، މަށަކީ ހަމަ ރީއްޗަށް ހިނގާބިނގާވެ، ދުޅަހެޔޮ ޞިއްޚަތެއްގަ ހުރި ކުއްޖެއް ވިއްޔާ އޭރު. ހަމަލާއާއެކީ މުޅިން އެހެން ބާބެއް ފެށުނީ. ނުކުޅެދޭ މީހެއްގެ ގޮތުގަ. އެ ދިރިއުޅުމަށް އާދަވާން މަޖުބޫރުވީ. އެކަމަށް އަހަރެން އަހުލުވެރިވިން. އަދި، އެއީ ހަމަ އެކަނި ހަނދާނެއް ކަމުގަ ހެދީ. މިސައިލް ވެއްޓުނު ވަޤުތަކީ، އަހަރެންގެ ސިކުނޑީގަ ކަނޑާ ނެގިފަ އޮތް ހަނދާނެއް. އެކަމަކު، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، އެ ހަނދާންތައް ނައްތާލެވޭތޯވެސް ވަރަށް މަސައްކަތް ކުރިން.
ޒައިދު އައްމާރު؛ ހަނގުރާމައިގެ ތެރޭގައި އަނިޔާވި ޢިރާޤު ޒުވާނެއް

ނުކުޅެދޭ މީހެއްގެ ގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް، ޒައިދުއަށްވެސް މަސްނޫއީ ފަޔެއް ލިބޭ ގޮތް ވިއެވެ. އެއީ 2019 ވަނަ އަހަރެވެ. ނަމަވެސް، އެ ލިބުނު މަސްނޫއީ ފަޔަކީ، މާ ކަމުދާ ކަހަލަ ފަޔަކަށް ނުވިއެވެ. އެ ފަޔަކީ ހުޅުތައް ނުލާ ހަދާފައިވާ ފަޔަކަށް ވުމުގެ ނަތީޖާއަކަށް ވީ، ހެލިފެލިވެ އުޅުމަށް ޒައިދަށް އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވުމެވެ.

ކަން އެގޮތުގައި އޮތް ނަމަވެސް، މި ހިނގާ 2023 ވަނަ އަހަރަކީ ޒައިދުގެ ދިރިއުޅުން ބަދަލު ކޮށްލި އަހަރެކެވެ. ޒައިދަށް އަނެއްކާވެސް މަސްނޫއީ ފަޔެއް ލިބުނީއެވެ. މި ފަހަރު، މާ ޒަމާނީ، ތަރައްޤީ ފަޔެކެވެ. ޒައިދު ބުނި ގޮތުގައި، އާ ފަޔާއެކު އޭނާގެ ދިރިއުޅުމުގެ އެތައް ތަކުލީފުތަކަށް ލުއި ލިބިއްޖެއެވެ. މިއަދު އޭނާއަކީ، ދުރު ރާސްތާ ތަކަށް ހިނގާ، ފަރުބަދަތަކަށް އަރާފައިބާ ހަދާ، ހަރަކާތްތެރި ޒުވާނެކަށް ވެއްޖެއެވެ.

ޝައްކެއްވެސް ނެތް، ﷲ އަށް ޙަމްދު ހުރި. މަސްނޫއީ ފައި ޖެހި ހިސާބުން އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ. މިސާލަކަށް، ރައްޓެހިންނާ އެކީ ކެފޭތަކަށް އެބަ ދެވޭ. ކިޔަވަން ގޮސް، ކާރު ދުއްވާ އެބަ ހެދޭ. މި ބުނީ، ކާރަކީ އަހަރެންގެ ދިރިއުޅުމުގަ ވަރަށް މުހިންމު ހިއްސާއެއް. ކާރާ ހެދި، އެއްތަނުން އަނެއް ތަނަށް ގޮސް އުޅެން އަހަންނަށް އެބަ ފުރުޞަތު ލިބޭ… އަހަންނަށް އަނެއްކާވެސް މިއޮތީ އަހަރެންގެ ދިރިއުޅުން އަނބުރާ ލިބިފަ. އާންމު ދިރިއުޅުމެއް ލިބިފަ. މަސްނޫއީ ފައި ޖަހައިގެން ވަރަށް ގިނަ ތަންތަނަށް އަހަރެން ހިނގައްޖައިން. މަށަކީ ވަރަށް ޢަޒުމު ވަރުގަދަ މީހެއް. އިރްބީލްގެ ކޮރެކް ފަރުބަދައާއި ޒާވިޔާ ފަރުބަދައިގެ އެންމެ މައްޗަށް އަރައިފިން މިހާރު. އަހަރެން ގަޔާވާ އެތައް ތަނަކަށް ދެވިއްޖެ.
ޒައިދު އައްމާރު؛ ހަނގުރާމައިގެ ތެރޭގައި އަނިޔާވި ޢިރާޤު ޒުވާނެއް

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ރެޑް ކްރޮސް ކޮމިޓީއިން ހާމަ ކޮށްފައި ވާ ގޮތުގައި ޢިރާޤުގެ ފިޒިކަލް ރީހެބިލިޓޭޝަން ސެކްޓަރަށް ވަނީ، ތަމްރީނު ލިބިފައިވާ ޚިދުމަތްތެރިންގެ ދަތިކަން، އިންތިހާއަށް ކުރިމަތިވެފައެވެ. ރެޑް ކްރޮސްއިން އަންދާޒާ ކޮށްފައި ވާ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް ޢިރާޤުގައި ޖިސްމާނީ ރީހެބިލިޓޭޝަން ޚިދުމަތްތަކަށް ބޭނުންޖެހިފައި ވާ 6 ލައްކަ މީހުން ތިއްބެވެ. އޭގެ ތެރެއިން 2 ލައްކައަށް ވުރެ ގިނަ މީހުންނަކީ މަސްނޫއީ ގުނަވަންތަކަށް ބޭނުން ޖެހިފައި ތިބި މީހުންނެވެ.

ހަނގުރާމައިގައި ނަޞްރު ލިބިގެން އައި ދުވަސްވަރު އެތައް ބަޔަކު ތިބީ ނުކުޅެދޭ ހާލުގަ. އަހަރަމެންގެ ސެންޓަރުން އެކަނިވެސް 8 ހާހެއްހާ މީހުންނާ އެކީ މަސައްކަތް ކުރަމުން ދިޔައީ އޭރު. އޭގެ ތެރޭގަ ކުޑަކުދިން، އަންހެނުން އަދި ޒުވާނުންވެސް ހިމެނޭ. އެކަމަކު ހަމަ އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިން. އެއީ، ހަމާލާތައް ގިނައިން އަމާޒުކޮށްފަ ހުރީ ގެތަކަށް ކަމަށް ވެފަ، ގެތަކުގައި ގިނައީ އަންހެނުންނާއި ކުޑަކުޑިން ކަމަށް ވާތީ.
ޒަންޔާރް ހައިދަރު؛ ޢިރާޤުގެ ޓެކްނީޝަނެއް

އައިސިސްގެ ހައްދު ފަހަނަ އަޅާފައި ވާ ޖަރީމާތައް، ޢިރާޤާއި ސޫރިޔާގައި ވަރުގަދަ ކުރީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެ ހަނގުރާމަގަނޑުގެ ތެރޭގައި އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ އަހަރުތަކެއް ފަހުން ޢިރާޤުގެ މޫސަލްގައި އައިސިސްގެ ބާރުތައް މުޅިންހެން ކަނޑުވާލީ 2017 ވަނަ އަހަރުއެވެ. ޢިރާޤާއި ބައިނަލްއަޤުވާމީ ފައުޖުތަކުން ގުޅިގެން ކުރި ބުރަ މަސައްކަތުން އައިސިސްގެ ބާރު ކަނޑުވާލި ނަމަވެސް، އެ ޖަމާޢަތުން އަދިވެސް ދަނީ ބިންގަރާސް ސެލްތަކެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް