ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ސަމީރު މިފަދައިން ވިދާޅުވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ކެމްޕޭނަށް ހުރަސް އެޅުމާ ގުޅިގެންނެވެ. އެ ހާދިސާއަށް އިޝާރާތް ކުރައްވައި ސަމީރު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ފެނުނު އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ކޮޅުމަތި އެންމެ ފުރަތަމަ ފެންނަން ފަށާފައި މިވަނީ އަންހެނުންނަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ކެމްޕޭނަށް ހުރަސް އެޅީ މުއިއްޒުގެ ކެމްޕޭން ޓީމުން ރާވައިގެން ކަމަށާއި މިއީ އެކަމަނާ ހުއްޓުވުމަށް ކުރެވޭނެ އިތުރު ކަމެއް ނެތިގެން ކުރި ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. އޭނާ ވަނީ އިދިކޮޅު ފަރާތްތަކުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ މި އަމަލު ސިފަކުރެއްވީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ.
މެޑަމް ފަޒްނާއަކީ ވަރަށް ކެރިވަޑައިގެން ކަންކަމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް. ހާއްސަގޮތެއްގައި އެޑިއުކޭޝަން ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން އެކަމަނާ ނުކުމެވަޑައިގެން ކެމްޕޭން ކުރައްވަން ފެއްޓެވުމާއެކުގައި، އަޅުގަނޑުމެންނަށް ފެނިއްޖެ އެކަމަނާ ހުއްޓުވުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓަށް ކުރާނީ ކޮންކަމެއްތޯ ނޭނިގިގެން އެންމެފަހުން ފުރައްސާރަ ކުރުމާއި ދުއްތުރާ ކުރުމާއި އަދި ގަޔަށް އަތްލާ ހިސާބަށް ކަންކަންދިއުމުގެ ހަޑިހުތުރު އަމަލުތަކެއް އެކުރަމުންދަނީ. އެކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ސަމީރު ވިދާޅުވީ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަން ނައްތާލައި އެކަންކަން މާޒީއަށް ދޫކޮށްލުމަށްފަހު އަންހެނުންނަށް ރާއްޖޭގައި އަބުރުވެރިކަމާއެކު، އެއް ހަމައެއްގައި މަގާމުތަކުގައި މަސައްކަތް ކުރެވޭގޮތްތައް މިހާރު ހަދައިދީފައިވާ ކަމަށެވެ. އެހެންވެ، މި ސަރުކާރަކީ އަންހެނުންނަށް ހާއްސަ ގަދަރަކާއި އިއްޒަތެއް ދީގެން ހިންގަމުންދާ ސަރުކާރެއްކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޓީމުން އެފަދަ އަމަލުތައް ފެނިގެންނުދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ރައީސްގެ އަނބިކަނބަލުންގެ ކެމްޕޭނަށް ހިޔާ ސަރަހައްދުގައި ތިބި ބަޔަކު ހުރަސް އެޅުމުގެ ސަބަބުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.