ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އިތުރު އިންތިޚާބެއް ބާއްވާނަމަ، 30 ނޫނީ 45 ދުވަސް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ހަބީބު ވިދާޅުވީ، ކޮމިޝަނުން އަބަދުވެސް އިންތިޚާބަށް ތިބޭނީ ތައްޔާރަށް ކަމަށާއި، ގާނޫނުގައި އެކަށައަޅަންޖެހޭ ހަމަތަކާއި އުސޫލުތަކެއް ވާކަމަށެވެ. އެގޮތުން އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި އެކަމަށް 28 ނޫނީ 30 ދުވަސް ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.
ނިޒާމު ބަދަލުކުރުމަށް ވޯޓް ނަގާނަމަ ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، ވޯޓްލާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމަކީ ވަކި ހަމަތަކެއްގެ މަތިން ކުރާކަމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މިވަގުތު ކަންތައްތައް ތަރުތީބުވެފައި ހުރުމުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އިތުރު އިންތިޚާބެއް ބާއްވާނަމަ އެކަމަށް މަދުވެގެން 50-40 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ހަބީބު މިފަދައިން ވިދާޅުވެފައިވާއިރު ޑިމޮކްރަޓްސްއިން މިވަގުތު އެދޭގޮތަކީ, ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުންކަމަށް, އެޕާޓީގެ ވަގުތީ ޗެއަރޕަރސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީގެ 4 ވަނަ ބާބަށް ގެންނަ ބަދަލާއެކު ނިޒާމީ ވޯޓަކަށް ދިޔުމަށް ޑިމޮކްރަޓްސްއިން ހުށަހަޅާކަމަށެވެ. ޕާޓީތަކާއެކު ޑިމޮކްރަޓްސްއިން ކުރަމުން އަންނަ މަޝްވަރާއަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއެވެ. މި މަޝްވަރާތައް މިވަގުތު އެމްޑީޕީއާއެކު ނުރަސްމީ ސިފައެއްގައި ކުރިއަށްދާއިރު، އެމްޑީޕީން މިކަމަށް އަދި އެއްބަސްވެފައި ނުވިނަމަވެސް، ދެބަސްވެފައިވެސް ނުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުންވެސް ބަދަލު ގެނެވޭނެކަމަށާއި ނަމަވެސް އެންމެ އަވަހަށް ނިޒާމީ ވޯޓެއް ނެގެން އަންނަނީ ރައީސަށް ގާނޫނު އަސާސީން ލިބިދޭ ބާރުން އެކަން ކުރުމުންކަމަށެވެ.
ޑިމޮކްރަޓުން ހުށަހަޅަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށެވެ. ހަސަން ލަތީފް ވިދާޅުވީ މިއޮތް މުއްދަތުގެ ތެރޭގައި އެކަމަށް ރައްޔިތުން ހޭލުންތެރިވެސް ކުރެވޭނެކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް އެކަމުގެ ތައްޔާރީތައްވެސް ވެވޭނެކަމަށެވެ. ޑިމޮކްރަޓުން ޕީޕީއެމާއެކު ކުރިޔަށްދިޔަ މަޝްވަރާތަކުގައި، އެއްބަސްވާ ލިޔުމެއްގައި ސޮއިކުރުމަށް ޕީޕީއެމްއިން ދެކޮޅު ހަދާފައިވަތީ އެވާހަކަތައް ވަނީ ހުއްޓާލާފައެވެ.