Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 12:39
އެމްޑީޕީގެ ތަރުޖަމާނު އަނަސް
އެމްޑީޕީގެ ތަރުޖަމާނު އަނަސް
ރާއްޖެއެމްވީ
ރީ- ރަޖިސްޓްރީ ކުރުން
ގިނައިން ރީ ރަޖިސްޓްރީ ކުރުމަކީ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: އެމްޑީޕީ
ގިނަބަޔަކު އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ޕާޓީތަކުންނާއި ކެންޑިޑޭޓުންވެސް ބާރު އަޅަން ޖެހޭ
މަދުބަޔަކު ވޯޓުލައިގެން މޮޅުވާން މަސައްކަތް ކުރުމަކީ ޑިމޮކްރަސީއާ ދުރު ވިސްނުމެއް
ގިނަ ބަޔަކު ވޯޓުލުމުން އިންތިޚާބުން މޮޅު ނުވެދާނެ ކަމަށް ޖެހިލުންވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ވިސްނުމެއް

އިންތިޚާބެއްގައި ވޯޓުލުމަށް ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކުރުމަކީ އެ އިންތިޚާބެއްގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،493 މީހުން ވަނީ ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅައިފައެވެ. މިކަމާ ގުޅިގެން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާގުޅޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކުރުމަކީ ކޮންމެ އިންތިޚާބެއްގައި ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެއިން އެނގެނީ ގިނަ ބަޔަކު ވޯޓުލާން ބޭނުންވާކަން ކަމަށާއި ގިނަ ބަޔަކު ވޯޓުލުމުގެ ސަބަބުން އެއްވެސް ޕާޓީއަކުން އަދި ހާއްސަކޮށް އެ އިންތިޚާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ގިނަބަޔަކު އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ޕާޓީތަކުންނާއި ކެންޑިޑޭޓުންވެސް ބާރު އަޅަން ޖެހޭ ކަމަށެވެ. އަދި ގިނަ ބަޔަކު ވޯޓުލުމުން އިންތިޚާބުން މޮޅު ނުވެދާނެ ކަމަށް ޖެހިލުންވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަދުބަޔަކު ވޯޓުލައިގެން މޮޅުވާން މަސައްކަތް ކުރުމަކީ ވެސް ޑިމޮކްރަސީއާ ދުރު ވިސްނުމެއް ކަމަށާއި ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ނުކުރެވުނު ގިނަބަޔަކު ތިބި އިރު ހުރިހާ ޕާޓީއަކުން ވެސް މަސައްކަތް ކުރަންވީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރުމަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

Advertisement

ރީ ރަޖިސްޓްރީވާވަރު އިތުރުވަނީ އެމްޑީޕީން އިންތިޚާބަށް ނުފޫޒު ފޯރުވަންވެގެން ކުރަމުން އަންނަ މަސައްކަތުން ކަމަށާއި ބައެއް މީހުންނަށް ނޭނގި ރީ ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން އަނަސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ ތެރޭގައި ތިބެހެން އިންތިޚާބުތަކުގައި ވާދަކުރުމަށް ކަމަށާއި އިންތިޚާބުތައް ކާމިޔާބު ކުރަނީ ޑޯޓުޑޯ އާއި ކެމްޕޭނުގެ ހަރަކާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބަށް ނުފޫޒުފޯރުވާނެ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީސީން ހާމަކޮށްފައިވާގޮތުގައި ދެ ދުވަހުގެ ތެރޭގައި ރީ ރަޖިސްޓްރީވުމަށް އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 18،349 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށެވެ. އެ ކޮމިޝަނުން އޮންލައިންކޮށް ރަޖިސްޓްރީ ކުރާއިރު ވަގުތުން ނަގާފައިވާ ފޮޓޯއެއް ބޭނުންވާއިރު އަމިއްލަ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އެ ފޯމުގައި އިންނަ ނަންބަރަށް ގުޅައިގެން މައުލޫމާތު ކަށަވަރު ކުރުމަށްފަހުއެވެ. މިގޮތަށް ބަލައި މައުލޫމާތު ފުރިހަމަ ނޫން 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 282,395 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު 50،000 އަށްވުރެ ގިނަ މީހުން ފުރަތަމަ ބުރުގައި ވޯޓު ނުލައެވެ. ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ އިތުރު 408 މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައާ މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސުންގަޑީގެ ކުރިން ފޯމު ހުށަނާޅައިފިނަމަ ދެން އެފުރުސަތު ލިބުމަކީ ނާދިރު ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. އެހެންވެ، ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާތަން ޗެކް ކުރުމަށް އީސީން އިލްތިމާސްކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް