ރާއްޖެވަނީ މިހާތަނަށް އައިއިރު ޑިމޮކްރަސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙާއްސަ މެސެޖެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުން ކަމަށާއި، ޑިމޮކްރަޓިކް އުސޫލުތައް ރާއްޖޭގައި އެކަށައެޅުމަށް ކުރެވުނު މަސައްކަތުގައި މިހާތަނަށް އައިއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމު ވަރުގަދަކޮށް، ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގައި މިހާރު މިއޮތީ ދުނިޔޭގެ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް ހިނގަމުންދާފަދަ ޑިމޮކްރެޓިކް ނިޒާމެއްކަމަށެވެ.
ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށްޓަކައި ކޮށްދިނުން، ރައްޔިތުން ހޮވާ ބަޔަކު. އަޅުގަނޑުމެންގެ ރާއްޖޭގައި މިވަގުތު މިވަނީ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް އޮންނަ ފަދަ ޑިމޮކްރަސީ ވެރިކަމެއް އައިސްފައި. އަޅުގަނޑުމެންނަކީ 1932 ފެށިގެން ޑިމޮކްރަސީގެ އުސޫލުތައް ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާ ޤައުމެއް. މަޑުމަޑުން ނަމަވެސް އައިސް އެންމެ ފަހުން 2018 ގައި މިވަނީ ވަރަށް ބޮޑަށްވެސް ޑިމޮކްރަސީގެ އުސޫލުތައް އެކުލެވޭ ޤާނޫނު އަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިފައިފުއާދު ތައުފީގު / އީސީގެ ރައީސް
ފުއާދު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރީތިކަމަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކުރާ ބަޔަކު ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުންކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން އަޤްލަބިއްޔަތު ނުވަތަ މެޖޯރިޓީ ބޭނުންވާ ބަޔަކަށް ވެރިކަން ލިބުނަސް މައިނޯރިޓީ ނުވަތަ އަޤްލަބިއްޔަތު ނުލިބޭ ރައްޔިތުންވެސް ބާކީނުވެ، އެމީހުންނަށްވެސް ކަންކަން ފަހިވާގޮތަށް ޑިިމޮކްރެޓިކް ނިޒާމުގެ ތެރެއިން ވެރިކަން ކުރެވޭކަން ފުއާދު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ފުއާދު ވަނީ ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާކޮށް، ވަރުގަދަކުރުމަށް ހުރިހާ ފަރާތްތަކުންވެސް އަދިވެސް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާ، އެކަމަށް ބާރު އަޅުއްވާފައެވެ.