ބ. އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 7 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ، ބ އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ލަފާފުރުމުގައި އޮތް ދަތިތައް ހައްލުވެ، ރަށުގެ އިޤްތިސާދަށާއި ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 402 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ބޭރުތޮށި ލުމާއި އަދިވެސް އިތުރު މަސައްކަތްތައް ހިމެނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސްސަމެންޓެއް ހެދުމަށްފަހުކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.