ލިއޯންގެ ކޯޗުކަމާ ހަވާލުނުވާން އިންގްލެންޑުގެ ގްރަހަމް ޕޮޓާ ނިންމައިފި އެވެ.
ޕޮޓާ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ބްރައިޓަންގެ ކޯޗަަކަށް ހުއްޓަ އެވެ. ޗެލްސީން އެ ޓީމުގެ ކޯޗަަކަށް ޕޮޓާ ހަމަޖެއްސީ އެ މަގާމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް ވަކި ކުރުމަށްފަހު އެވެ. އެހެން ނަމަވެސް، ޕޮޓާ އާއެކު ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވުމުން، އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ޕޮޓާ ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެ އެވެ.
ލިއޯން އިން ވަނީ އެ ޓީމުގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މަގާމުން ވަކިކޮށްފަ އެވެ. އެއީ މި ސީޒަންގެ މިހާތަނަށް އެ ޓީމަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުންނެވެ. އެއަށްފަހު ލިއޯން އިން ވަނީ އެ މަގާމަށް ޕޮޓާ ހަމަޖައްސަން އޭނާއާއެކު މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް، ޕޮޓާ ވަނީ ޗެލްސީގެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ. ސަބަބަކީ މިހާ އަވަހަށް އަނެއްކާ ވެސް އެހެން ޓީމަކާ ހަވާލުވާން އޭނާ ބޭނުންނުވާތީ އެވެ. މީގެ އިތުރުން މުސްތަޤުބަލުގައި ވަކި ކުލަބަކާ ހަވާލުވުމުގެ ކުރިން. ހަވާލުވާނެ ކުލަބެއް ޕޮޓާ ނިންމާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހު، އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 48 އަހަރުގެ ޕޮޓާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު ލީޑްސް ކާނެގީ އިންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ޗެލްސީގެ ކޯޗުކަމާ އޭނާ ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ހަތް މަސް ދުވަހަށްފަހު ޗެލްސީން ވަނީ އޭނާ ވަކިކޮށްފަ އެވެ.